Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު ދެ ހަފްތާ ތެރޭގައި ނިންމަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ފޮޓޯ / ސަން

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ގެންދާ ތަހުގީގު ދެ ހަފްތާ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލާގައި އެ ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި މިދިޔަ މެއި މަހުގެ 21ވަނަ ދުވަހުގައި އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި އޭސީސީން ވަކިގޮތެއް ނިންމާފައިނުވާނެ ކަމަށާއި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށް މީގެކުރިން އޭސީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން އޭސީސީގެ އޮފިޝަލަކު "އައްޑޫލައިވް" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް އޭސީސީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް އެ މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރު ޖެނެރަލްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭސީސީ އިން މީގެކުރިން ބުނެފައިވެއެވެ.

މި މައްސަލާގައި މީގެކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީ މެންބަރުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކޮށްފައެވެ. މާލިއްޔަތު ކޮމެޓީގައި އަމީން ވަނީ އެ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ފެންމަތިވެގެން ދިޔައީ ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓާއި ގުޅިގެންނެވެ. އެ މައްސަލަ އާއިއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓު ތަހުގީގެއް ކުރިޔަށް ގެންދިއުމަށް އަންގަވާފައެވެ.