އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބްގައި ވޯޓުލުމަށް އައްޑޫގައި 32 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފި އެވެ.
އިލެކްޝަނުން އާއްމުކޮށްފައިވާ އިއްލާންގައިވާ ގޮތުން އައްޑޫގައި ވޯޓު ލުމަށްޓަކައި މީދޫ، ހުޅުދޫ، މަރަދޫގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ފޭދޫގައި 5 ވޯޓު ފޮށި ބަހައްޓާއިރު މަރަދޫފޭދޫގައި ބަހައްޓާނީ 2 ވޯޓު ފޮށި އެވެ. މީގެ އިތުުރުން ގަމުގައި އެއް ފޮށި ހުންނާނެ އެވެ.
އިލެކްޝަނުން ބުނީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ހިތަދޫގައި ވޯޓު ލުމަށްޓަކައި 15 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
މީދޫގެ 1 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ ޝަމްސުއްދީން ސްކޫލްގައެވެ. 2 ނަންބަރު ވޯޓު ފޮށި ހުންނާނީ އަތޮޅު މަދަރަސާގައެވެ. އަދި 3 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ މީދޫ ރަށު އޮފީހުގަ އެވެ. ގަން ފޮށި ހުންނާނީ ގަމުގެ ޒުވާނުންގެ މަރުކަޒުގަ އެވެ.
ހުޅުދޫގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން 1 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ ހުޅުދޫ ސްކޫލްގައެވެ. އަދި 2 ނަންބަރު ވޯޓު ފޮށި ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލްގައި ބަހައްޓާ އިރު 3 ވަނަ ވޯޓު ފޮށި ބަހައްޓަނީ އަތޮޅު މަދަރަސާގަ އެވެ.
ފޭދޫގައި ބަހައްޓާ 5 ވޯޓު ފޮށީގެ ތެރެއިން ފުރަތަމަ ވޯޓު ފޮށި ބަހައްޓަނީ ފޭދޫ އޮފީހުގަ އެވެ. ބަކީ 4 ވޯޓު ފޮށި ބަހައްޓަނީ ފޭދޫ ސްކޫލްގެ ތެރޭގައެވެ.
މަރަދޫ ފޭދޫ ވޯޓު ފޮށިތަކުގެ ތެރެއިން 1 ނަންބަރު ވޯޓު ފޮށި މަރަދޫ ފޭދޫ ސްކޫލްގައި ބަހައްޓާއިރު 2 ވަނަ ވޯޓު ފޮށި ބަހައްޓަނީ މަރަދޫ ފޭދޫ މުސްކުޅިންގެ ހިޔާގައެވެ.
މަރަދޫގައި ބަހައްޓާ 3 ވޯޓު ފޮށީގެ ތެރެއިން 1 ނަންބަރު ވޯޓު ފޮށި މަރަދޫ ސްކޫލްގައި ބަހައްޓާ އިރު 2 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ މަރަދޫ އޮފީހުގައެވެ. އަދި 3 ނަންބަރު ވޯޓު ފޮށި ހުންނާނީ މަރަދޫ ބޯޅަ ދަނޑުގައެވެ.
ހިތަދޫގައި ބަހައްޓާ 15 ވޯޓު ފޮށީގެ ތެރެއިން ފުރަތަމަ 4 ވޯޓު ފޮށި ބަހައްޓަނީ ހިތަދޫ ސްކޫލްގެ ގޯތި ތެރޭގައެވެ. 5 ނަންބަރު ވޯޓު ފޮށި ހިތަދޫ ޕަބްލިކް ލައިބްރަރީގައި ބަހައްޓާއިރު 6،7 ނަންބަރު ވޯޓު ފޮށި ބަހައްޓަނީ ހިތަދޫ ޒުވާނުންގެ މަރުކަޒުގައެވެ.
އަދި 8،9 ނަންބަރު ވޯޓު ފޮށި ނޫރާނީ ސްކޫލްގެ ގޯތި ތެރޭގައި ބަހައްޓާއިރު 10 ވަނަ ވޯޓު ފޮށި ބަހައްޓަނީ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާން މަގުގައި ހުންނަ ކޮލެޖް ކެމްޕަސް ތެރޭގައެވެ.
11 ނަންބަރު ވޯޓު ފޮށި މެދުވަލު ސްކޫލްގައި ބަހައްޓާއިރު 12،13،14 ނަންބަރު ވޯޓު ފޮށިތައް ހުންނާނީ ޝަރަފުއްދީން ސްކޫލްގައެވެ. އަދި 15 ނަންބަރު ވޯޓު ފޮށި ހުންނާނީ އައްޑޫ ހައިސްކޫލްގައެވެ.
އައްޑޫގައި ވޯޓުލުން ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޝަން އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ. އެގޮތުން 256 އިލެކްޝަން އޮފިޝަލުން ތަމްރީނުކޮށް ހަރަކާތްތެރިވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.