Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ފާއިތުވި އަހަރުތަކުގެ އަހަރީ ރިޕޯޓް އާއްމު ކުރަނީ!

އައްޑޫ ސިޓީ ކައުންސިލްގެ 2011، އަދި 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިހާރުގެ ކައުންސިލްގެ ދައުރު ހަމަވާން 3 މަހަށް ކުޑަތަންވެފައިވަނިކޮށް އާއްމު ކުރުމަށް ކައުންސިލުން ފާސްކޮށް އާއްމުކޮށްފިއެވެ.

ކައުންސިލް އުފެދުމަށް ފަހު ފާއިތުވި އަހަރުތަކުގެ އަހަރީ ރިޕޯޓް އާއްމު ނުކޮށްގެން އެކަމާއި އާއްމުން ޝަކުވާކުރި ނަމަވެސް ކައުންސިލުން މީގެ ކުރިން ވަނީ ބީރު ކަންފަތެއް ދީފައެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އަދި ޖުލައި މަހު ކައުންސިލުން ބާއްވަން ޖެހެއެވެ. އެގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއ، މާލީ ރިޕޯޓްގެ އިތުރުން އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ޖެހެއެވެ.

އަދި ޖުލައި މަހު ބާއްވާ އާއްމު ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި މަޝްވަރާ ހޯދަން ޖެހެއެވެ.

ނަމަވެސް ފާއިތު ތަނުގައި ކައުންސިލުން މިފަދަ އެއްވެސް ބައްދަލުވުމެއް އާއްމު ރައްޔިތުން ކޮށްފައި ނުވެއެވެ. އަދި އަންނަ އަހަަރަށް ކައުންސިލުން ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ނުކޮށްގެން އެވާހަކަ މީޑީއާގައި ލިއުނު ފަހުން ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ބަޖެޓް ފާސްކޮށްފައެވެ.

މިއަހަރު ޑިސެމްބަރު މަހު މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާއިރު މިހާތަނަށް ކައުންސިލުން ކުރި އެއްވެސް ކަމެއް އާއްމު ރައްޔިތުންނަކަށް ނޭގެއެވެ. ނަމަވެސް ރައްޔިތުންނަށް ފެންނަމުންދަނީ ކައުންސިލުން ބޭނުން ގޮތަކަށް ދައުލަތުގެ މުދާ ހޭދަކޮށް ވަކި ބަޔަކަށް މަންފާ ހޯދައިދޭތަނެވެ.

އެގޮތުން ގާނޫނާއި ހިލާފަށް އަވަށު ބޯޑު އުފައްދައި އަވަށުބޮޑަށް އައްޔަން ކުރި މުވައްޒަފުންނަށް ދެ މިލިއަނަށްވުރެ ގިނަ ފައިސާ ދީފައިވާ އިރު އަވަށު ބޯޑަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ އެއްޗެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ފުރިހަމަ އަޢުލަބިއްޔަތު އޮންނަ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފައިދާހުރި މަސައްކަތެއް ނުކުރެވޭ އިރު އަންނަ އިންތިހާބަށް ކެމްޕެއިންއަށް ތާއިދު ހޯދުމުގެ ގޮތުން ހިތަދޫން ގޯތި ދޫކުރުމާއި، ވިޔަފާރިތަކަށް ބޮޑެތި ބިން ދެމުން އެބަގެންދެއެވެ.