Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކޮމަން ވެލްތުގެ ކޮންސަލްޓެންޓް އައްޑޫގައި

ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން އަދާ ކުރާ ދައުރު މޮނިޓަ ކުރައްވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖެ ވަޑައިގެން ފުލުހުންގެ ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާ ކޮމަން ވެލްތުގެ ކޮންސަލްޓަންޓް މރ. އެލްޑްރެޑް ޑީ ކްލަރކް އިއްޔެ އައްޑު އަށް ވަޑައިގެން ސައުތު ޕޮލިސް ޑިވިޝަންގައި މަސައްކަތް ކުރާ ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައި ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އިއްޔެ ހެނދުނު އައްޑޫ ހައި ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ސެޕްޓެމްބަރު ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން އައްޑޫގެ ހާލަތާއި ގުޅޭ ގޮތުންނާއި އަދި އިލެކްޝަނާ ގުޅިގެން ފުލުހުންގެ މަސައްކަތް ރާވާފައިވާ ގޮތުގެ މަޢުލޫމާތު މރ. އެލްޑްރެޑް ޑީ ކްލަރކްއާ ވަނީ ހިއްސާކޮށްފައިވެ އެވެ.

މި މަޢުލޫމާތު ހުށަހެޅުއްވީ އައްޑޫ ޕޮލިސް ޑިވިޝަންގެ ކޮމާންޑަ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙުމަދު ޝިފާން އެވެ.

މި ބައްދަލުވުމުގައި އަޝިފާން ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ސިޔާސީ ގޮތުން އައްޑޫގެ މިހާރުގެ ހާލަތާއި ވޯޓް ސެކިއުރިޓީ ފޯރުކޮށް ދިނުމުގައި ފުލުހުންނަށް ހުރި ގޮންޖެހުންތަކާއި، އިލެކްޝަނުގެ ސެކިއުރިޓީ ޕްލޭންގައި ހުރި މުހިންމު ބައެއް މައުލޫމާތު ޙިއްސާ ކުރެއްވި އެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހުރިހާ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު މަސައްކަތްކޮށް އިންތިޚާބަކީ އަމާން އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ވެސް ހިއްސާކުރެއްވި އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ މަސައްކަތްތައް އޮޅުން ފިލުއްވުމަށް ފަހު މރ. އެލްޑީ ކްލާރކް ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގައި ފުލުުހުންގެ މަސައްކަތް ބައްޓަން ކުރަންވީ ގޮތާ ބެހޭ ގޮތުން ޢިލްމީ ނަޒަރަކުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވެ އެވެެ.

މިބައްދަލުވުމުގެ އިތުރުން ވެސް މރ. އެލްޑްރެޑް ޑީ ކްލަރކް ވަނީ ސައުތު ޕޮލިސް ޑިވިޝަންގެ ޕޮލިސް ސްޓޭޝަންތަކަށް ވަޑައިގެން އެ ސްޓޭޝަންގެ ފުލުހުންނާ ބައްދަލު ކުރައްވާ ފުލުހުން ބޭނުން ކުރާ ވަޞީލަތްތައް ބައްލަވާލައްވާފަ އެވެ.