Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އިއްޔެ އައްޑޫގައި ހިންގި އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލި

އިއްޔެ ފުލުހުން އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ކޮމިޝަނަރ، އެމްސީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގައި ގާތްގަނޑަކަށް 80 ކިލޯ ހަމަވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ އައްޑޫގެ އިންޓެލް އަދި ފުލުހުންގެ މަސައްކަތުން ކުރިއަށް ގެންދެވުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމްސީ ބުނެފައިވެއެވެ.

އަދި މި އަތުލައިގަނެވުނު މަސްތުވާތަކެތި ރާއްޖެއަށް ސަޕްލައި ކުރި ފަރާތެއް ހޯދުމަށް ބޭރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށް އެމްސީ ހަމީދު މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އިއްޔެ ހިތަދޫ ސަރަހައްދު ކަނޑުމަތިން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް(ބޮންޑާ) ވެސް ހިމެނެއެވެ. ބޮންޑާ ހައްޔަރުކޮށްފައިވަނީ ލޯންޗެއް ކަނޑު މެދަށް ހުއްޓިގެން އެހީއަށް އެދުމުން އޭނާގެ އަމިއްލަ ލޯންޗުގައި ހުއްޓުނު ލޯންޗުގެ އެހީއަށް ދިއުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.