Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ކަވާނީ ޔުނައިޓެޑަށް ބަދަލުވަނީ

ޕީއެސްޖީ އަށް ކުރިން ކުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފިއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ޖޫން މަހު ނިމުމަކަށް އައިސްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޔުނައިޓެޑަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ޓްރާންސްފާގެ ކަންކަން ފުރިހަމަ ކުރަން ކަވާނީ މިއަދުގެ ވަގުތެއްގައި އިނގިރޭސިވިލާތަށް އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ކަވާނީ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 301 މެޗު ކުޅެދީ 200 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ވެސް މެއެވެ.

ކަވާނީ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އާއި ދެކޮޅަށް ޔުނައިޓެޑް ނިކުންނާނެއެވެ. އެ މެޗުގައި ކަވާނީ ކުޅުމުގެ ފުރުސަތު ބޮޑެވެ.

ކަވާނީ ވެގެންދާނީ މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެންނަ ދެވަނަ ކުޅުންތެރިޔާ އަށެވެ. އެގޮތުން މީގެކުރިން އެޓީމުން ވަނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެންޑަބީކް ގެނެސްފައެވެ.