Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

މެރުމަށްވުރެ އަމިއްލައަށް މަރުވުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް: ޕްރަސޫން ޖޯޝީ

މެރުމަށްވުރެ އަމިއްލައަށް މަރުވުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަންގެ ޗެއާރމަން ޕްރަސޫން ޖޯޝީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ސުޝާންތް ސިންގް ރާޖްޕޫތްގެ ކޭސްއަށް އިޝާރާތް ކޮށްފައެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޓީމްގެ ފަރާތުން ސްޝާންތުވަނީ މަރާލާފައި ނޫން ކަމަށާއި އަމިއްލައަށް މަރުވެފައި ކަމަށް ނިންމުމާއި ގުޅިގެން ބޮލީވުޑްގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އެމީހަކު އެކަމާއިމެދު ދެކޭގޮތް ހާމަ ކުރަމުންނެވެ.

ޕްރަސޫން ބުނެފައިވަނީ އަމިއްލައަށް މަރުވުން އެއީ ބައްޔެއް ކަމަށާއި އެއީ މަރާލުމަށްވުރެ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ބުނެފައެވެ. ޕްރަސޫން ބުނެފައިވާ ގޮތުގައި އެހެން އިންޑަސްޓްރީ ތަކެކޭ އެއްގޮތަށް ބޮލީވުޑް އިންޑަސްޓްރީގައި ވެސް އެކްޓަރުންނަށާއި އެހެނިހެން ފަރާތްތަކަށް އެހާ ޕްރެޝަރު އަންނަންޖެހޭ ސަބަބު ހޯދަން ޖެހެއެވެ. އޭނާ ބުނެފައިވާ ގޮތުގައި މީހަކު މަރާފައިވާ ނަމަ އެ ކުށްވެރިޔާ ހައްޔަރުކޮށް އަދަބު ދެވިދާނެއެވެ. އެހެން ނަމަވެސް އަމިއްލައަށް މަރުވުމުން އެކަމުން ދައްކުވައިދެނީ ކޮންމެވެސް ކަމެއް ދަނީ ރަނގަޅަށް ނޫން ކަމެވެ. އެހެން ނޫނީ އަމިއްލަ ނަފްސު އެމީހާއަށް ކޮންޓްރޯލް ނުވާ ކަމެވެ. އަދި އެއީ ބައްޔެއް ކަމަށާއި ބައެއް ފަހަރު އަމިއްލައަށް މަރުވުން ވެގެން ދަނީ އެ ބައްޔަށް ދެވޭ ފަރުވާއެއް ކަމަށް ވެސް އެކަން ކުރާ މީހުން ގަބޫލު ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ދިރިއުޅުމަކީ ހަމައެކަނި ހިޓް ފިލްމްތަކެއް ނެރުން ނޫން ކަމަށާއި އެއަށްވުރެ ބޮޑު އެއްޗެއް ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށް ޕްރަސޫން ބުންޏެވެ.

ސުޝާންތް ސިންގް ރާޖްޕޫތް މަރާލެވިފައިވާ ކަމަށް ބެލެވި ތަހުގީގްތައް ކުރަމުން ގޮސްފައިވާ އިރު މިހާރު އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޓީމްގެ ފަރާތުން ވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށް ނިންމާފައެވެ. އެ ވާހަކައަށް ބައެއް ފަރާތްތަކުން ތާއީދު ކުރާކަށް ބޭނުން ނުވެއެވެ.

ސުޝާންތް މަރުވެފައި ހުއްޓާ ފެނިފައިވަނީ މި އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓްގެ ކޮޓަރިއެއްގައެވެ.