އައްޑޫގެ ކޯޓުތަކުގައި ހުރި ލިއެކިއުންތައް އެމްއެންޑީއެފްއިން ގެންދަން އެދުމާ ގުޅިގެން އެކަމާ އައްޑޫގެ ކޯޓުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާދަމާ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ރިއާސީ އިންތިހާބާ ގުޅިގެން ސަރުކާރުގެ އޮފީސް ތަކާއި ކޯޓުތަކުގައި ސެކިއުރިޓީ ބަލަހައްޓަމުން ގެންދާނީ މޯލްޑިވްސް ޑިފެންސް ފޯސްއިންނެވެ. އެހެންވެ އެމްއެންޑީއެފްއިން ވަނީ އައްޑޫގެ ކޯޓުތަކުގައި ހުރި ލިއެކިއުންތައް ހަވާލު ކުރުމަށް އެދިފަ އެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސެކިއުރިޓީ ސަބަބަށްޓަކައި ނަމަވެސް ކޯޓުގައި ހުރި ލިއެކިއުންތަކެއް އެމްއެންޑީއެފްއާއި ހަވާލު ކުރުމަށް ކަންބޮޑުވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޯޓުގައި ބައެއް އެމްއެންޑީއެފްގެ މީހުންނާއި ގުޅޭ މައްސަލަތަކެއް ހިނގަމުން އަންނަ އިރު އެފަދަ ލިއުންތަކެއް އެފަރާތާއި ހަވާލު ކުރުމަކީ މައްސަލަ އެއް ކަމަށެވެ.
"އެމްއެންޑީއެފް އިން ސެކުއިރިޓީ ބެލެއްޓުމަކީ މައްސަަލައެއް ނޫން، އެއީ އެބޭފުޅުންގެ ޒިއްމާއެއް. އެކަމަކު ކޯޓުގައި ހުރި ލިއެ ކިއުންތައް އެމްއެންޑީއެފް އާއި ހަވާލުކުރުމަކީ ކަންބޮޑުވާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ރައިސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަދަލުވުމާއި ގުޅިގެން ފެބްރުއަރީ 8 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގެ ދެ ކޯޓެއް ފިޔަވައި ދެން ހުރި ހުރިހާ ކޯޓުތެކެއް ވަނީ އެއްކޮށް އަންދާލާފަ އެވެ.
އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އައްޑޫގައި ސެކިއުރިޓީ ކަންކަން ތައްތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި އެއްވެސް ކަހަލަ ހަމަ ނުޖެހުމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެދެމުވައްސަސާ އިން ވަނީ ބުނެފަ އެވެ.