ރިއާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އައްޑޫގައި ވަގު ނޫޓްތައް ދައުރުވަމުންދާ ކަމަށާއި އެ ފައިސާ އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ދައުރުވަމުން ދަނީ ފަސް ރުފިޔާގެ ވަގު ނޫޓް ތަކެވެ. އަދި ވަގު ނޫޓްގެ މިލިއަނެއްހާ ރުފިޔާ އެތެރެކޮށްފައިވާ ކަމަށް ހަބަރު ލިބެއެވެ.
ފުލުހުން ބުނީ އައްޑޫގައި ދައުރުވަމުންދާ ވަގު ނޫޓް އާއި އަސްލު ދެނެގަންނަން އުނދަގޫ ކަމަށެވެ.
އަދި އެފައިސާ ދަނެގަނެވޭނެ އެންމެ ފަސޭހަ ގޮތަކީ ނޫޓްގައިވާ ސެކިއުރިޓީ ތްރެޑުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ ގިނަ އަދަދަކަށް ފައިސާ އާއި ބޮޑެތި އެހީތައް ރޭއްސުރެން ފެށިގެން ބަހަމުން އަންނަ ކަމަށެވެ. އަދި ވަގު ފައިސާ އާއި ގުޅޭ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވަގު ނޫޓް ދައުރުވާކަމަށް ފުލުހުން ބުނެފައިވަނިކޮށް އައްޑޫގެ މޭޔަރު ވަނީ ވަގު ނޫޓް ބަހަމުންދާ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އިސް މީހަކަށް ފުލުހުން ތުހުމަތު ކުރާކަމަށް ބުނެފައެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅެނީ އިންތިހާބަށް ނުފޫޒް ފޯރުވަން ކަމަށް ސޯބެ ތުހުމަތު ކުރެއެވެ.
ފުލުހުންގެ އައްޑޫ ކޮމާންޑަރ ވިދާޅުވީ އިންތިހާބަށް ނުފޫޒް ފޯރުވުމަށް އެއްވެސް މީހަކު ހިފައި ހައްޔަރު ނުކުރާނެކަމަށެވެ. ނަމަވެސް ފުލުހުން ހިފާ ހައްޔަރު ކުރަންޖެހޭ އެއްވެސް މިހަކު އިންތިހާބަށް ބަލާފައި ހައްޔަރު ނުކޮށް ނުތިބޭނެކަމަށެވެ.