މާދަމާ ހެނދުނު 7:30 ގައި ފަށާ ރިއާސީ އިންތިހާބްގެ ކެމްޕެއިން މިއަދު އިރުއޮއްސި 6:00 ޖަހާއިރު ނިންމަންޖެހޭ އިރު ޕާޓީ ތަކުން އެންމެ ފަހުގެ ކެމްޕެއިން ކުރަމުން އެބަގެންދެއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީގައި ޕާޓީ ކެމްޕެއިންގެ ފޯރި ވަނީ އިންތިހާގައެވެ. ވެރިރަށް ހިތަދޫއަށް ވުރެ ކެމްޕެއިން ފޯރިގަދައީ ފޭދޫގައެވެ. ކޮންމެ އިންތިހާބެއްގައި ވެސް އެންމެ ފޯރި އޮންނަނީ ފޭދޫގައެވެ. ގަމަށް ފައިބައިގެން ހިތަދޫއަށް ދަތުރު ފަށާއިރު އެންމެ ފުރަތަމަވެސް އަރަންޖެހެނީ ފޭދޫއަށެވެ. ކެމްޕެއިންގެ ކުލަވަރު ގަމާއި ފޭދޫ ގުޅޭ ކޯޒްވޭއިން ފެށިފައިވާއިރު ފޭދޫ ބޯޅަ ދަނޑު ވަށައިގެން ޖަހާފައިވާ ދާގަޑު ވެސް ވަނީ ތަފާތު ކުލަތަކުން ޒީނަތްތެރި ކޮށްފައެވެ.
ފޭދޫއަށް އަރާްއިރު އެންމެ ފުރަތަމަވެސް ފެންނާނީ މިހާރުގެ ރައީސް ޑރ. ވަޙީދުގެ ކެމްޕެއިން އޮފީހެވެ. ބަނދަރު ސަރަހައްދުގައި ޕީޕީއެމް އާއި ޖުމްހުރީ ޕާޓީ އަދި އެމްޑީޕީގެ ކުލަ ވަރަށް ގަދައެވެ.
އެހިސާބު ގަނޑުން އެމެޑީޕީ އާއި ޖުމްހުރީ ޕާޓީގެ އަޑު އިންތިހާއަށް ގަދަވެފައިވާ އިރު ކެމްޕެއިން ފޯރިވެސް އެންމެ ގަދައީ އެހިސާބުގަނޑުގައެވެ.
މަރަދޫ، މަރަދޫފޭޑޫގެ ބޮޑު މަގު ބޮޑު ބައެއް ރީނދޫ ދިދަ ދަމާފައިވާ އިރު ޖުމްހުރީ ޕާޓީ އާއި ޕީޕީއެމްގެ ދިދަފަތިވެސް ވަނީ ކޮންމެ ވެސް ވަރަކަށް ދަމާފައެވެ.
ހިތަދޫގެ ވެސް ބޮޑު ބައެއްގައި ދިދަ ފަތި ދަމާފައިވަނީ ޖުމްހުރީ ޕާޓީ އާއި އެމްޑީޕީންނެވެ. ނަމަވެސް ލިންކު ރޯޑާއި ބޮޑު މަގުގައި ހުރި ޕީޕީއެމް އޮފީސް ސަރަހައްދުގައި އެޕާޓީގެ ކުލަ "ފިޔާތޮށި" ކުލައިން ވަނީ ޒީނަތްތެރިކޮށްފައެވެ.
މިއަދު އިރު އޮއްސި 6 ޖަހަން ވާއިރަށް ކެމްޕެއިންނަށް ކުރެވެން އޮތް އެންމެ ފަހު ކަން ކުރަން އެންވެސް ވަނީ އަވަސް އަރުވާފައެވެ.
ހުރިހާ ސިޔާސީ ޕާޓީ ތަކުންވެސް ވަނީ ދޮރުން ދޮރަށް ހިނގައި އެމީހުންގެ ޕާޓީގެ މެނިފެސްޓޯ ރައްޔިތުންނަށް ވީހާވެސް ތިލަކޮށް ކިޔާދީފައެވެ. ކޮންމެ ގެއަކުންވެސް ނިކުމެގެންދަނީ އެގެއިން އައްލަބިއްޔަތު ވޯޓު ލިބޭނެކަމަށް ބަލައިގެންނެވެ.
ދާއިރާ ތަކަށާއި ޓާކެޓް ސަރަހައްދުތަކަށް ވަކި ކެމްޕެއިނެއް އެންމެވެސް ވަނީ ކޮށްފައެވެ.
އެމްޑީޕީގެ މެމްބަރުން ތިބީ އެންމެ ކުރިން ގޮސް ވޯޓު ލައި "އެއްބުރުން" އިންތިހާބް ކާމިޔާބް ކުރުމުގެ އުއްމީދުގައެވެ. އެޕާޓީން ކެމްޕެއިން ނިންމާލަން ގަސްދު ކުރަނީ މިއަދު ހަވީރު ބާއްވާބޮޑު ވެހިކަލް ބުރުންނެވެ.
ޕީޕީއެމްއިންވެސް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދަނީ ބެނާޖަހައި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖުމްހުރީ ޕާޓީ އާއި ގައުމާއިގެން ކުރިއަށް ކޯލިޝަނުންވެސް ދަނީ މާދަމާ ވޯޓު ލުމަށް މީހުން ގެންދިއުމަށް ކުރަންޖެހޭ އެންމެ ފަހުގެ ކަންކަން ކުރަމުންނެވެ.
ހުރިހާ ޕާޓީ ތަކުން ވެސް މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މީހުން ވޯޓުލުމަށް ނެރުމަށެވެ. އެކަމަށްޓަކައި ވެހިކަލް ހޯދައި މީހުން ވޯޓުލުމަށް ނެރުމަށް އަންނަނީ މަަސައްކަތް ކުރަމުންނެވެ،
ފުލުހުންވެސް ވަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ހަމަޖެއްސުމަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އައްޑޫގެ އެއްވެސް ސަރަހައްދަކުން ނުތަނަވެސް ކަމެއް ފެންނާކަށް ނެތެވެ. ފުލުހުންގެ ހާއްސަ ބެލުމުގެ ދަށުން މިފަހަރަކީ ކެމްޕެއިން ސާމާންތަކަށް އެންމެ ކުޑަކޮސް ގެއްލުން ދިން ފަހަރެވެ. އެންމެންނަށް ވެސް ވަނީ އެމީހުންނަށް ކުރެވުމުނު އެންމެ ބޮޑަކަށް ކެމްޕެއިން ކުރުމަށް ފުރުސަތު ލިބިފައެވެ.
އެހެންކަމުން މާދާމާ ވޯޓުލުން ދާނީ އަމާން އޮމާން ކޮށްކަމަށް ގަބޫލް ކުރެވެއެވެ.