Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

އަޅުގަނޑު މިހުރީ ސަރުކާރާއެކު: ގާސިމް

ގާސިމް އިބްރާހިމާއި ރައީސް ސޯލިހް ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ތާއީދު ގެއްލުވާލަން ކަންކަން ކުރި ނަމަވެސް އޭނާ ހުންނެވީ ސަރުކާރާއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ޔާމީނާއެކު މަޝްވަރާ ކުރުމަށް އޭނާ ވެސް އަދި ޖޭޕީ ވެސް ތައްޔާރަށް އޮތް ކަމަށް ބުނެ ގާސިމްގެ ނަމުގައި ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ އެ ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށާއި އޭނާ ވެސް އަދި ޖޭޕީ ވެސް އޮތީ ރައްޔިތުންނާއި ސަރުކާރާއެކުގައި ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ އޭނާ އަށާއި އަދި ޖޭޕީ އަށް އޮތް ތާއީދު ގެއްލުވާލުމުގެ ގޮތުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު ޔާމީން އާއެކު ގާސިމް ކޯލިޝަން ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ގާސިމް ހުންނަވާނީ ކޯލިޝަނުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވެގެން ނުދާނެ ކަމަށާއި ކޯލިޝަން ޕާޓީތަށް ތިބޭނީ އެކީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގާސިމް ހުންނަވާނީ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ރައީސް ޔާމީންއާ އެކު ކޯލިޝަން ހަދާތަނެއް އަޅުގަނޑަކަށް ނުފެނޭ. ނުވެސް ހައްދަވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.