Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޕާޓޭ އާސެނަލް އަށް ބަދަލުވެއްޖެ

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އާސެނަލް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ޕާޓޭ އާސެނަލް އަށް ބަދަލުވީ 45 މިލިއަން ޕައުންޑުގެ އަގަކަށް ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެތްލެޓިކޯގެ މެދުތެރޭގައި ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި ޕާޓޭ އެ ކްލަބާއި ގުޅުނީ 2011 ވަނަ އަހަރުއެވެ. ޕާޓޭ ވަނީ އެތްލެޓިކޯ އަށް 180 މެޗު ކުޅެދީ، ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފައެވެ.

ޕާޓޭ އާސެނަލް އަށް ބަދަލުވިއިރު އާސެނަލް އަށް ކުޅެމުން އައި އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ ވަނީ ލޯނެއްގެ ދަށުން އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެފައެވެ. އަދި އެ ކްލަބުގެ ފްރާންސްގެ ޒުވާން މިޑްފީލްޑަރު ގުއެންޑޫޒީ ވެސް ވަނީ ލޯނެއްގެ ދަށުން ޖަރުމަނުގެ ހާތާ ބާލިން އަށް ބަދަލުވެފައެވެ.

ޕާޓޭ އަކީ އާސެނަލް އަށް ރޭ ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. އާސެނަލް އިން މީގެކުރިން ވަނީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް އާއި ޗެލްސީ އަށް ކުޅެމުން އައި ވިލިއަން ގެންގޮސްފައެވެ.

ލީގުގައި އާސެނަލް އިން މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު، އެޓީމު އޮތީ 9 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.