Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޕޮލިސް އެކަޑަމީން ޕޮޒިޓިވްވީ މީހުން ކަރަންޓީނު އުސޫލާއި ހިލާފު: ޑރ. ނަޒްލާ

ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާގެ ކޮޗިން އައި މީހުން ކަރަންޓީނުގެ އުސޫލާއި ހިލާފުވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާގެ ކޮޗިން އިން އައި 128 މީހުންގެ ތެރެއިން 55 މީހަކު ޕޮޒިޓިވްވެފައިވާއިރު ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތު ސައިޓުން އެކަކު ޕޮޒިޓިވްވެވަފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެކަޑަމީން ޕޮޒިޓިވްވި މީހާ އަކީ އިންޑިއާއިން އައި މީހުން ކަރަންޓީނުވެގެން ތިބި ތަނަށް ދިޔަ މީހެއް ކަމަށެވެ.

"ކަރަންޓީންގެ އުސޫލުތަކާވެސް ހިލާފުވެފައިވާކަމަށް މި ފާހަގަކުރެނީ. އެއީ ކަރަންޓީންގައި ތިބި މީހުން ކައިރިއަށް އެހެން މީހަކު އެމީހުންގެ ވޯކް ސައިޓުންވެސް އައިސްފައިވާ ކަމަށް. އަޅުގަނޑުމެން މިވާހަކަ ވާނީ ޕޮލިހަށްވެސް ރެފާކޮށްފައި،"

ނަޒްލާ ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕޮލިސް އެކަޑަމީގެ ސައިޓުން މީހަކު ޕޮޒިޓިވްވެފައިވާ އިރު އެތަނުގެ މަސައްކަތް ކުރާ މީހުން ތިބޭ ސައިޓަކީ ގިނަ ބަޔަކު ތައްޖެހިގެން އުޅޭ ތަނެކެވެ. އަދި އެތަނުގެ ބައެއް މީހުން ރަށުތެރެއަށް ނިކުމެ ފިހާރަތަކަށް ވަދެ އުޅޭތީ އާއްމުން ދަނީ ކަންބޮޑުވަމުންނެވެ.

އެކަޑަމީގެ މަސައްކަތަށް އައި ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް 377 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.