ސަރުކާރު ކުންފުނި އެމްޓީސީސީ އިން ބިން ހިއްކުމަށް ގެނެސްފައިވާ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފިއެވެ.
މީގެކުރިން މަހާ ޖައްރާފުގައި ބިދޭސީ މުވައްޒަފުންވެސް ތިއްބެވެ. ނަމަވެސް މިހާރު މަހާ ޖައްރާފުގައި ތިބޭނީ ހުސް ދިވެހި ފަޅުވެރިން ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އެގޮތުން ފަޅުވެރިންގެ ގޮތުގައި 74 ފަޅުވެރިން ތިބޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ބޯޓުގައި ތިބި ބިދޭސީ ފަޅުވެރިންގެ އިލްމާއި ތަޖުރިބާގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާފައިވާނެ ކަމަށް އެކުންފުނިން ބުންޏެވެ. އެހެންކަމުން އެ ފަޅުވެރިންނަކީ މަސައްކަތަށް ގާބިލު ބައެއް ކަމަށް ޔަގީން ކުރާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި މަހާ ޖައްރާފަށް ބަރު ކުރެވޭނެއެވެ. އެމްޓީސީސީ އިން މަހާ ޖައްރާފު ގެނައުމާއެކު މީގެކުރިން ބޭރުގެ ފަރާތްތަކަށް ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުން އަންނައިރު ރާއްޖެއިން ބޭރުވެގެން ދިޔަ އެތައް ފައިސާއެއް ވަނީ ހިފެހެއްޓިފައެވެ.