Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލައިގެ ހުކުމް އިއްވަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާމީން ހުޅުވާފައިވާ 8 އެކައުންޓު ފްރީޒް ކުރަން ދައުލަތުން ހުށަހެޅިއިރު އެ 8 އެކައުންޓުގައި ހުރި ފައިސާ އާއި އޭސީސީން ބީއެމްއެލްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހިނެތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އާއި އެމްއައިބީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައި ހުރި ފައިސާއާ ގުޅުމެއް އޮތްކަން ދައުލަތުން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޔާމީންގެ އެ 8 އެކައުންޓު ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ތާއީދުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މި ހުކުމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސް ތާއީދު ކުރެއްވިއެވެ.

މި މައްސަލަ ޔާމީން އާއި އެއްކޮޅަށް ނިމިފައިވާއިރު، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ވެސް މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފައެވެ.