Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ކުރާ ހުކުމަކުން ސުޕްރީމް ކޯޓުގެ ފުރާޅުން މިހާރު ޓިނެއް ނުނަގާނެ: ސިރާޖު

މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

ހިތްހަމަނުޖެހޭ ގޮތަކަށް ހުކުމެއް ކުރިޔަސް ސުޕްރީމް ކޯޓުގެ ފުރާޅުން މިހާރު ޓިނު ނުނަގާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމަށް އިޝާރާތް ކުރައްވަމުންނެވެ.

އެގޮތުން ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސިރާޖު ވިދާޅުވީ މިއަދު ކޯޓުތަކުން ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމެއް ނުކުރާނެ ކަމަށާއި ކޯޓުތަކުން ހުކުމްތައް ކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައިގެން ކަމަށެވެ.

އަދި ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަކީ އެމްޑީޕީގެ މެމްބަރުން ވެސް އެދޭ ކަމެއް ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް ނުނިންމުމުން އެ ކޯޓަށް އެއްޗެހި ކިޔައި، ފުރާޅުން ޓިނު ނަގައި އަދި އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުނުކުރާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"އެއީ ރައީސް ޔާމީން ނުވަތަ އިދިކޮޅު ފަރާތްތަކުގެ ވިސްނުން. މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އެއީ. އަޅުގަނޑުމެންނަށް ވެސް ޔަގީން ކަށަވަރުވޭ ޤާނޫނާއި ގަވާއިދު ނޫން ގޮތަކަށް އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާނެކަން. އެއީ ރައީސް ޔާމީންގެ މައްޗަށް ކަމަށްވީނަމަވެސް. ރައީސް ޔާމީންގެ މައްޗަށް ރަނގަޅަށް ޝަރީޢަތް ހިންގީމާ ހަމަ ރަނގަޅަށް ހުކުމް ކުރެވޭނެ ބޮޑެތި ވައްކަންތައް ، ބޮޑެތި ޚިޔާނާތުގެ މައްސަލަތައް އެހުރީ ސާފުކޮށް ފެންނަން" ސިރާޖު ވިދާޅުވިއެވެ.

އަދި އަމިއްލަފުޅު އެކައުންޓްގައި 100 މިލިއަން ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށާއި، މީހަކު ސުވާލުކުރަން ނުޖެހޭ ކަމެއްކަމަށް ޔާމީނަށް ހީފުޅުވީ ނަމަވެސް ދުނިޔޭގެ ތަހުޒީބު ވެފައިވާ ގައުމުތަކުގައި ކަން ހިނގަނީ އެގޮތަށް ނޫން ކަމަށް ސިރާޖު ވިދާޅުވިއެވެ. އެގޮތުން ނުހައްގު މުއްސަނދިކަން ފަދަ ކަންކަމަކީ ބެލޭނެ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރުމަކީ ސުވާލު އުފައްދަންޖެހޭ ކަމެއް. މުހިއްމު އެއް ސަބަބަކީ އެއީ ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރީތީވެ. ރައީސްކަން ކޮށްފައި ހުރި މީހެއްގެ އަތުގައި ނުބައްދަލަށް ލާރި ހުރިއްޔާ އެކަމުގެ ސުވާލު އުފައްދަންޖެހޭނެ އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަންޖެހޭނެ" ސިރާޖު ވިދާޅުވިއެވެ.