Last Updated: April 23, 20:04
Tuesday, April 23, 2024
ކުޅިވަރު

އިންގްލޭންޑުން ބެލްޖިއަމް ބަލިކޮށްފި، ފްރާންސާާއި ޕޯޗުގަލް އެއްވަރު

ޔޫއެެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ބެލްޖިއަމް ބަލިކުރިއިރު، ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އިންގްލޭންޑުން ރޭ ދުނިޔޭގެ އެއްވަނަ ޓީމުގެ ގޮތުގައި ރޭންކް ކޮށްފައިވާ ބެލްޖިއަމްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.

ރޭގެ މޮޅާއެކު 7 ޕޮއިންޓާ އެކު އިންގްލެންޑް ގްރޫޕް އޭ2 ގެ އެއްވަނައަށް ޖެހިލިއިރު، ބެލެޖިއަމް އޮތީ ހަ ޕޮއިންޓާ އެކު ދެވަނައިގައެވެ. ތިންވަނައިގައި ތިން ޕޮއިންޓާ އެކު ޑެންމާކް އޮތްއިރު ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޑެންމާކް އެވެ.

އިންގްލޭންޑުން ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ޕެނެލްޓީ ލިބިފައި ވެއެވެ. އެގޮތުން ބެލްޖިއަމްއަށް ލިބުނު ޕެނެލްޓީއަކީ އެރިކް ޑަޔާ ލުކާކޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނެލްޓީ ގޯލަށް ވައްދާލައި މެޗުގެ 16 ވަނަ މިނެޓްގައި ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑަށް ވެސް ޕެނެލްޓީއެއް ލިބިފައިވެއެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށް މާކަސް ރަޝްފޯޑް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، މި މެޗުން އިންގްލެންޑް މޮޅު ކޮށްދިން ގޯލަކީ މެޗުގެ 64 މޭސަން މައުންޓް ޖަހައިދިން ގޯލެކެވެ.

ޕޯޗުގަލް އާއި ފްރާންސް ރޭ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ3ގައި ހިމެނޭ ދެޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ ޕޯޗުގަލް އެވެ. ދެވަނައިގައި ފްރާންސް އޮތްއިރު، ތިން ޕޮއިންޓާ އެކު ތިންވަނައިގައި ކްރޮއޭޝިއާ އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ސްވިޑެން އެވެ.

ފްރާންސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، ގޯލެއް ކާމިޔާބުކުރަން ވެސް ދެ ޓީމަށް ތަނަވަސް ކުރެވިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ޕޯޗުގަލްގެ ކީޕަރު ދިފާއުކުރިއިރު، މެޗު ނިމެން ކައިރިވެފައިވަނިކޮށް ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށްވީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.