Last Updated: May 13, 16:08
Monday, May 13, 2024
ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަތޮޅުތަކުގެ މަތީގައި އުފެދެމުންދާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރާގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.