Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގުދަން ކުރި ގޮތުން ގިނަ އަދަދެއްގެ ޓެސްޓު ކިޓު ހަލާކުވެއްޖެ

ގުދަން ކުރެވުނު ގޮތުން ގިނަ އަދަދެއްގެ ކޮވިޑު-19 ޓެސްޓު ކިޓުތަކެއް ހަލާކުވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު-19 ޓެސްޓު ކިޓުތަކެއްގައި މައްސަލަ އުޅޭކަން އެނގުނީ ޓެސްޓުތަކެއްގެ ނަތީޖާ އާއި މެދު ޝައްކު އުފެދިގެން ބެލުމުން ކަމަށެވެ.

އެގޮތުން ޓެސްޓު ކިޓުތައް ސްޓޯ ކުރުމުގައި މައްސަލަ ހުރިކަން ފާހަގަ ކުރެވި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ބެލި އިރު 3000 އެއްހާ ކިޓު ހަލާކުވެފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިކަމުގައި ޒިއްމާވާން ޖެހޭ ފަރާތްތައް ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

"އަޅުގަނޑުމެން އަތުގައި ހުރި ޓެސްޓް ކިޓްތަކުގެ ތެރެއިން އެއް ޓެސްޓް ކިޓްގެ ބެޗަކުން ފުރިހަމަ ނަތީޖާ ނުނިކުންނާތީވެ، މިކަން ފާހަގަކުރެވިގެން ބެލި ބެލުމުން މިއީ ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ވީ ކަމެއްކަން ވަނީ އެނގިފައި. މިކަަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ، ޒިންމާދާރު ކުރުވަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ ކަންކަން އެ އޮންނަ އުސޫލުތަކުގެ ކުރިއަށް އެބަދޭ،"

ގިނަ އަދަދެއްގެ ކިޓުތަކުގައި މައްސަލަ ޖެހުނު ނަމަވެސް މިހާތަނަށް ކުރެވުނު ޓެސްޓު ތަކުގެ ނަތީޖާ އާއި މެދު ޝައްކެތް ނެތްކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިއަށް ދެ ހަފްތާ ތެރޭގައި އޭޑީބީ ޕްރޮޖެކްޓުން ލިބޭ 50،000 ރިއެކްޝަން ކިޓު ލިބޭނެކަމަށް ނަޒްލާ ވިދާޅުވިއެވެ.