Last Updated: April 27, 10:53
Saturday, April 27, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ސެޕްޓެމްބަރު 7، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"މަނިކުފާނު މިއަދު އަޅުގަނޑުގެ ރިކުއެއްސްޓެއް އެބަ އޮތް. އަޅުގަނޑުގެ މި ގާޑިޔަލުން ހަދާފައި މިވާ އަނބު މަޖާ އިން އެތިކޮޅެއް ކޭންބައްލަވާ އެހެން ނޫނީ އަޅުގަނޑު ވަރަށް ދެރަވާނެ."

"ނޫނޭ އަހަރެން ކާނަން." ޔޫނުސް އޭނާ އާ ދިމާއަށް ހިނިތުންވުމަކާ އެކު ބަލާލި އެވެ.

"ބައްޕާ ކޭންބައްލަވާ މިއަދާ ހަމައަށް ބައްޕަ އެއްވެސް މީހަކު ދެރައެއް ނުކުރޭ. ވީއިރު ކީއްވެ މި މިހާ ދެރަ ތި ކުރައްވަނީ؟ އޭނާ ނުހަނު ލޯބިން އެދިނީ އޭތިކޮޅު." އުނައިސް ބުންޏެވެ.

އެ ވަގުތު އާދަނު ދެ ތައްޓަށް އަނބުމަޖާ އަޅައިގެން އައިސް ދެ ބަފައިންނަށް ދިއްކޮށްލި އެވެ. އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި އުނައިސް މުޅި އަނބުމަޖާ ތަށި ހުސްކޮށްލި އެވެ. ޔޫނުސް ހައިރާންވެ އިނެވެ. މޫނުމަތީ އެތައް ސުވާލު މާކްތަކެއް ހުރި ހާލުގަ އެވެ.

"ދަރިފުޅު މިހާ ކުޅިގަދަކޮށް ކާން ދަސްކުރީ ކޮން އިރަކު؟"

"ބައްޕަ ޔޯގަޓް ކާން ދަސްކުރެއްވި ދުވަހު. ބައްޕާ އަޅުގަނޑު ހަނދާންވޭ ބައްޕަ އަޅުގަނޑާ އެކު އޯކަށް ދެމިދެމި ޔޯގަޓް ކާ ހަނދާން. ބައްޕަ އަޅުގަނޑަށްޓަކާ ޔޯގަޓް ކާން ދަަސްކުރެއްވި ގޮތަށް އަޅުގަނޑު ކުޅި އެއްޗެތި ކާން ދަސްކުރީ." އުނައިސްގެ މި މި ވާހަކަ އަށް ދެބަފައިން ބާރަކަށް ހުނެވެ. އާދަނު ވެސް މި ހުނުމުގައި ބައިވެރި ވި އެވެ. އެ މީހުންގެ ލޮލުން ވިދަމުން ދިޔައީ އުފާވެރި ކަމުގެ ފެނެވެ. ބައްޕައަކާ ފިރިހެން ދަރިއެއްގެ މި ގުޅުމަކީ ކިހާ މާތް ގުޅުމެއް ހެއްޔެވެ؟ ސަލީމް އާ ހެދި މި ގުޅުމަށް ވެސް ވަނީ ހިރަފުސް ބުރައިފަ އެވެ.

"ބައްޕާ ކުޑަ އިރު އަޅުގަނޑު ތަނަކަށް ވެއްޓުނީމާ ތެދުކޮށް ދާންވާ މަގު ދައްކާ ހަދަމެއްނު. މިއަދު އަޅުގަނޑު ބައްޕަގެ އަތުގައި ހިފައިގެން މަގުން ހިގުމަށް ހިތްހަމަނުޖެހެނީ ކީއްވެތޯ؟ ބައްޕާ އަހަރެންނަކީ ބައްޕަގެ ދޮށީ ދަރިފުޅު އުނައިސް. އަހަރެންނާ އެކު އާދޭ ބައްޕާ އަހަރެން ބައްޕަ އަށް ދާންވާ މަގު ކޮށައި ދޭނަން ބައްޕަ އަހަރެންނަށް މަގު ކޮށާދެއްވި ފަދައިން." ބައްޕަގެ ކައިރީ އިށީދެފައި ބައްޕަގެ ކޮނޑުގައި އުނައިސް ބޯ އަޅާލި އެވެ.

ޔޫނުސް ވެސް އޭނާގެ ބޮލުގައި ފިރުމާލި އެވެ. އުނައިސް ބައްޕަގެ ގައިގައި ބައްދާލި އެވެ. ޔޫނުސް މަޑުމަޑުން އުނައިސްގެ ބުރަކަށީގައި ފިރުމާލިއެވެ. ހީވީ ހުރިހާ ހިތާމައަކާއި ޝަކުވާއެއް އެއް ފަހަރާ ފޮހެވިގެން ދިޔަހެންނެވެ.

ހަވީރު އުނައިސް ގެއަށް އަ އެވެ. ގެއިން އޭނާ އަށް އިސްތިގުބާލު ކުރީ ފަޅުކަމާއި ވީރާނާ ކަމެވެ. ހީނާއެެއް ނެތެވެ. އެހެންޏާ އޭނާގެ ސައިކަލް އަޑު އިވޭ އިރަށް ފަރިވެފައިވާ މަލެއްހެން ފަރިވެގެން ގޭ ދޮރު ކައިރިން ހީނާ އުނައިސް އާ ބައްދަލު ކުރާނެ އެވެ.

މިއަދު އޭނާ އަށް ފެނުނީ ފާރުގައި އެލުވާފައިވާ އޭނާގެ ކައިވެނީގެ ފޮޓޯ އެވެ. އުދާސްކަމާ އެކު އޭނާ އެ ފޮޓޯ އާ ދިމާލުން ބިންމަތީގައި އިށީނެވެ. އަދި އޭނާގެ ހިތުގެ އަޑު ލަފްޒުތަކެއްގެ ސިފައިގައި އަންނަން ފެށި އެވެ.

"އަހަރެންގެ ލޮލުން ކަރުނަ މިއަދު އަންނަނީ ކަލާގެ ހަނދާނުގަ އެވެ.
އަހަރެންގެ ހުރިހާ ހުވަފެންތައް ކަލާ ވިއްސި ވިހާލި ކޮށްލީމު އެވެ.
ައަހަރެންގެ ލޮލުން ކަރުނަ މިއަދު އަންނަނީ ކަލާގެ ހަނދާނުގަ އެވެ.
އަހަރެންގެ ހިތުގެ ތެޅުން ގުޅިފައި ވަނީ ކަލާ އާ ކަމުގައި ނުވޭ ހެއްޔެވެ؟
މި އަނދިރި ރޭތައް ކަލާ އާ ވަކިން އަހަރެން ހޭދަ ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟
މިއަދު އަހަރެންނަށް ހުރިހާ ދިމާލެއް ފެންނަނީ އަނދިރިކަމާ ފަޅުކަމާ އެކުގަ އެވެ.
ކަލާ އަހަރެންގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ދެ މީހުން އެކުގައި މަރުވަންދެން އުޅެން ކުރި ވައުދު ކޮބައި ހެއްޔެވެ؟
އެ ހަނދާންތަށް އެއްވެސް އަސަރެއް ނެތީ ހެއްޔެވެ؟ އަހަރެން ރޮއްވާލީ ކީއްވެ ހެއްޔެވެ؟"

އުނައިސް ތެދުވެގެން ކޮޓަރިއަށް ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އަދި ލޯ މަރާލި އެވެ. މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔަ އެވެ.

(ނުނިމޭ)