ސ. ފޭދޫ ބޮޑު މަގުގައި ލައިޓް ޕޯސްޓް ޖަހައި މަގުބައްތި ހަރު ކުރުން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަނާ މި މަސައްކަތް ހަވާލު ކުރަން ނިންމީ މިކަމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގަކީ، ފޭދޫގައި މަގު ބައްތި ޖެހުމަށް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ މާ މަތީ އަގުތަކަކަށްވެފައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުޑަ އަގެއްގައި މި މަސައްކަތް ކޮށްދިނުމަށް އެއްބަސްވުމުން ކަމަށް ކައުންްސިލުން ބުންޏެވެ.
ފޭދޫ ބޮޑު މަގުގައި ޖުމްލަ 30 ބައްތި ޖެހުމަށް ހަމަޖެހިފައިވާ އިރު، ބައްތި ޖެހުމަށް ނިންމާފައި ވަނީ މަގުގެ ދެ ފަރާތުގަ އެވެ.
ފޭދޫ ބޮޑު މަގަކީ ސްރީ ލަންކާ ސަރުކާރުން ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައި ދީފައިވާ މަގެކެވެ.