Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

އިސްވެރިންގެ މުސާރަތައް ކުޑަކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުސާރަ ކުޑަ ކުރި މައްސަލަ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ރައީސުލް ޖުމްހުރިއްޔާގެ މުސާރައަކީ (ގާނޫނު ނަންބަރު 11/2009) ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުން ލިބިދޭ މުސާރަ އާއި އެލަވެންސެކެވެ. މި ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.

ގާނޫނަކުން ރައީސްގެ މުސާރަ ނިންމާފައިވަނިކޮށް އެގާނޫނަށް ބަދަލު ނުގެނެސް މަޖްލިސްގެ ކޮމެޓީއަކުން ނިންމާ ރިޕޯޓަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ރައީސްގެ މުސާރަ އާއި އެލަވެންސް އުނި ނުކުރެވޭނެކަމަށް ބައެއް ގާނޫނީ ފަރާތްތަކުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގާނޫނުގައި ރައީސާއި ނާއިބު ރައީސްގެ މުސާރަ ވަކި ބަޔާންކޮށްފައި ވަނިކޮށް އެ ގާނޫނަށް [ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައާ އިނާޔަތްތައް ބަޔާންކޮށްފައިވާ ގާނޫނު] އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމަކާއި ނުލާ އެ ދެބޭފުޅުންގެ މުސާރަތައް ކުޑަ ނުކުރެވޭނެ ކަމަށެވެ.

ގާނޫނެއްގައި މުސާރައާ އިނާޔަތްތައް ހަމައެކަނި ކަނޑައަޅާފައިވާ ދެ ބޭފުޅުންނަކީ އެ ދެބޭފުޅުން ކަމަށާއި އެކަން އެގޮތަށް ކޮށްފައި އޮތް މަގުސަދަކީވެސް ބޭނުން ވަގުތެއްގައި އެ ދެބޭފުޅުންގެ މުސާރައާ ކުޅެވޭނެ ގޮތް ނުވުން ކަމަށްވެސް އޭނާ ކޯޓަށް ހުށަހެޅުއްވި މައްސަލާގައިވެއެވެ.

އެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށް އަޑުއެހުމެއް ބޭއްވިއިރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ އެކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ހަލީމް އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ.

ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާނީ ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ކަމަށް ކޯޓުތަކާބެހޭ ގާނޫނުގައި ބުނެފައިވާތީ އެއީ އެފަދަ މައްސަލައަކަށް ވަނީ ކިހިނެއްތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން ހަލީމް ވިދާޅުވީ އެއީ ސީދާ ގޮތުންވެސް ނުދީދާ ގޮތުންވެސް މުޖުތަމައުގެ އާންމު މަސްލަހަތަށް ލޮޅުން އަރާނެ ކަމަކަށް ވާތީވެ މިއީ ދުސްތޫރީ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ.

ހަލީމް ވިދާޅުވީ ގާނޫނު އިސްލާހު ކުރުމެއް ނެތި، އިސް މަގާމުތަކުގެ މުސާރަތައް ކުޑަ ކުރުމުން އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެހި، ބައެއް ބޭފުޅުންނަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ބޭފުޅުންގެ މިނިވަން ކަމަށް ބުރޫ އެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލްގެ މުސާރަ 35 ޕަސެންޓު ކުޑަ ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ މަހުއެވެ. 35 އިންސައްތަ އުނިކުރުމާއެކު ރައީސްގެ މުސާރައިން 35000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައިން 26250 ރުފިޔާ އުނިކުރެވޭނެއެވެ.