Last Updated: May 14, 01:49
Monday, May 13, 2024
ރިޕޯޓް

މި ފަހަރުގެ ވޯޓްގައި ތަފާތު މަންޒަރެއް

އިއްޔެ ނިމިގެން ދިޔަ ރިއާސީ އިންތިހާބްގައި ވޯޓު ލުން ހިންގަމުން ދިޔަ ވަގުތާއި އިންތިހާބް ނިމި ވޯޓު ގުނަމުން ދިޔަ އިރު މި ފަހަރު އައްޑޫން ފެނިގެން ގޮސްފައި ވަނީ ވަރަށް ތަފާތު އެހެނަސް ރީތި މަންޒަރެކެވެ.

ފޯރިގަދަ އަދި އެހާމެ ވާދަވެރި އިންތިހާބުގައި ވޯޓު ލުމަށް ހުރިހާ ޕާޓީތަކުން ވެސް ވަނީ ހެނދުނު ހެދުނާ މީހުން ނިކުތުމަށް ބާރު އަޅައިފަ އެވެ. އެހެންވެ ވޯޓު ފެށުމުގެ ކުރިން ވޯޓު ފޮށި ހުރި ސަރަހައްދުތަކުގައި ދިގު ކިއު ހަދަމުން ދިޔަ އެވެ.

ހިތަދޫ ސްކޫލް ސަރަހްއަދަކީ މިގޮތުން އެންމެ ގިނަ މީހުން ކިއު ހެދި އެއްސަރައްދެވެ. ވޯޓުލުން ކުރިއަށް ދިޔަ އިރު ވޯޓުލާމަރުކަޒު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޕާޓީގެ މަންދޫބުންގެ ކިބައިން ވެސް މިފަހަރު ފެނިގެން ގޮސްފައި ވަނީ ވަރަށް ތަހްޒީބީ މަންޒަރުތަކެވެ. ކޫސަނި މައްސަލަތައް އުފައްދައި ވޯޓުލާ މަރުކަޒުގެ ސަރަހައްދު ހަލަބޮލިކޮށްލުމުގެ ބަދަލުގައި ދިމާވާ މައްސަލަ ވީހާ ވެސް ވިސްނުންތެރި ގޮތެއްގައި ހައްލު ކުރުމަށް މަސައްކަތް ކުރި ތަނެވެ.

ފާއިތުވި ތަނުގައި ބޭއްވި އިންތިހާބްތަކުގައި ފެނިގެންދިޔަ މައްސަލަތައް މިފަހަރު ނުފެނުނީ މި ސަބަބާއި ހެދިއެވެ. ޕާޓީ ތަކުގެ އިސްބޭފުޅުންގެ ރޭވުންތެރިކަން މިފަހަރު ވޯޓުލުން ހިގަމުން ދިޔަ ވަގުތު ދިޔައީ ފެންނަމުންނެވެ.

އައްޑޫގައި ގާއިމްކުރި އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހަޅާފައި ވަނީ އެންމެ ހަތަރު މައްސަލައެވެ. ނަމަވެސް ކުރީ ފަހަރުތަކުގައި ޝަކުވާ އާ ހެދި ކޮމްޕްލެއިންސް ބިއުރޯއަކަށް އޮބި އޮންނަ ވަރެއް ނުވެ އެވެ.

މިފަހަރުގެ ވޯޓުގައި އިލެކްޝަނުންވަނީ އެއް ވޯޓުފޮށި ކުރިން ބެހެއްޓި ތަން ނޫން ތަނަކަށް ބަދަލުކޮށްފައެވެ. އެކަންވެސް ނިމިގެން ދިޔައީ އޮމާންކޮށެވެ.

މަރަދޫ އޮފީހުގައި ބެހެއްޓި ވޯޓު ފޮށި ހުރި ސަރަހައްދުގައި ހިޔަލެއް ނެތުމާއި އެ ވޯޓު ފޮށްޓަށް ވޯޓުލާން ދިޔަ ބަލިމީ ހުންނާއި އުމުރުން ދުވަސްވީ މީހުން އިށީންނާނެ ތަނެއް ނެތުމުން އެ މީހުންގެ އެދުމުގެ މަތިން އެވޯޓު ފޮށި ވަނީ މަރަދޫ ސްކޫލަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް ކުރީގެ އިންތިހާބުތަކުގައި ވޯޓު ފޮށި ހުރިތަނުން ގުޑާ ވެސް ނުލެވޭނެ އެވެ.

އެއް ޕާޓީން އަނެއް ޕާޓީ އާ ދިމާ ކުރުމާއި ފުރައްސާރަ ކުރުން މި ފަހަރު އިންތިހާބްގެ ކުރިން ކުރިއަށް ދިޔަ ކެމްޕޭންތަކުން ވެސް މި ފަހަރަކު މާ ބޮޑަކަށް ފެނިގެނެއް ނުދެ އެވެ. އެހެންވެ ވޯޓު ލާ މަރުކަޒު ކައިރީގައި ވެސް އެފަދަ ކަމެއް ހިނގާފައެއް ނުވެ އެވެ.

މި ފަހަރުގެ އިންތިހާބަކީ ސަލާމަތީ ބާރު އެންމެ ވަރުގަދަ އެއް އިންތިހާބެވެ. އައްޑޫގެ ވޯޓުލާ މަރުކަޒަށް ފުލުހުން ވަންނާން ޖެހުނީ އެންމެ ފަހަރަކު އެވެ.
ޝަރަފުއްދީން ސްކޫލްގައި ވޯޓުލާން ގޮސް ހުރި މީހަކަށް ދިއްކޮށްލި ވޯޓު ކަރުދާސްގަނޑު ޖަހައިގަނެގެން ފިލަން އުޅުނު މީހަކު ހައްޔަރު ކުރުން ފިޔަވައި ސަލާމަތީ ބާރުތަކުން ކަމެއް ކޮށްފައެއް ނުވެ އެވެ.

ވޯޓު ގުނާ ނިމި ނަތީޖާ އިއުލާން ކުރުމުންވެސް އައްޑޫއިން ފެނިގެން ގޮސްފައިވަނީ ވަރަށް ފުރިހަމަ މަންޒަރެކެވެ. އެކުވެރި ވަރަށް ވިސްނުންތެރި ތަހްޒީބީ މުޖްތަމަކުން ފެންނާނެ ރީތި މިސާލެކެވެ.

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިހާބްގެ ދެވަނަ ބުރުގެ ވޯޓުލާ ދުވަހު ވެސް މި މަންޒަރު ތަކުރާރު ވާނެ ކަމަށް އުއްމީދު ކުރެވެ އެވެ.