Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

ކިޔެވުން ފުރިހަމަކުރަން ޒަކާތު ފަންޑުގެ އެހީ އަށް ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

މާލީ ދަތިތަކާ ހެދި ކޯސް ކުރިއަށްގެންދިއުމުގައި ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުގެ ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ އެހީ އަށް އެދި ހުށަހެޅޭނީ ދިވެހިރައްޔިތަކަށް ކަމަށާއި އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ކަމަށެވެ.

އަދި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތަކަށް ވާންޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށާއި ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށް ކަމަށެވެ. ނުވަތަ scholarship@islamicaffairs.gov.mv މެއިލްއަށް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެހީއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ.