ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އާއިލާ އާ އެކު ޗުއްޓީ ހޭދަ ކުރަން މިއަދު ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
އަކްޝޭގެ ގާތް މީހަކާ ހަވާލާ ދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ އަކްޝޭ އާއި އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އާއި މައިދައިތަ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ އިތުރުން އަކްޝޭގެ ދޮށީ ދަރިފުޅު އާރަވްގެ އިތުރުން މި މަހުގެ 25 ގައި އެއް އަހަރު ފުރޭ އަންހެން ދަރިފުޅު ނިތާތާ ކަންނާ ކުމާރު ވެސް ރާއްޖެ އައިސްފައިވާ ކަމަށެވެ.
އަދި އެ އާއިލާ ރާއްޖެ އައިސްފައި ވަނީ އަކްޝޭ މިހާރު ބެންކޮކްގައި ޝޫޓް ކުރަމުން އަންނަ ފިލްމް "އިޓްސް އެންޓަޓެއިންމަންޓް" ގެ ޝެޑިއުލެއް ނިންމާލުމަށް ފަހު އިއްޔެ މުމްބާއީ އަށް ދިއުމަށް ފަހު އެވެ.
އަކްޝޭ އާއި އޭނާގެ އާއިލާ ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައި ކަަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެހެން ނަމަވެސް އަކްޝޭ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރަނީ ކޮން ރިސޯޓެއްގައި ކަމެެއް ބުނެފައެއް ނުވެ އެވެ. އެކަމަކު އެ މީހުން ހަފުތާއެއް ވަންދެން ރާއްޖޭގައި ތިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަކްޝޭ ރާއްޖެ އައިސްފައި މި ވަނީ މާދަމާ ފާހަގަ ކުރާ އޭނާގެ 46 ވަަނަ އުފަން ދުވަހާ ވެސް ދިމާކޮށެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ އޮކްޓޯބަރު 18 ގައި ސިނަމާތަކަށް އަންނަ "ބޮސް" އެވެ.