Last Updated: June 30, 19:07
Tuesday, June 30, 2026
ރިޕޯޓް

ހިތަދޫ ބޮޑު މަގު ސާފު ކުރާނެ އަތެއް ނެތް!

ހިތަދޫ ބޮޑު މަގު.

އާބާދީ ބޮޑު ސ. ހިތަދޫގެ ބޮޑުމަގުގައި ތާރު އަޅައި ހެދުމުން އެންމެންނަށް ވެސް ފަސޭހަ އެވެ. ހިރަފުހާ ހެދި ސަލާމަތް ނުވެގެން އުޅުނު މީހުންނަށް ބޮޑު މަގު ހެދުމުން ލިބުނީ އާދަޔާހިލާފް ހިތްހަމަޖެހުމެކެވެ. އަދި ވެހިކަލް ދުއްވާ މީހުންނަށް ލިބުނު އުފާވެރިކަން އެއަށް ވުރެ ބޮޑެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ބޮޑު މަގު ތާރު އަޅައި ހެދި ފަހުން އެ މަގު ބަލަހައްޓަމުން ނުދާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ބޮޑު މަގާ ގުޅިފައިވާ މަގުތައް ހެދިފައި ނެތުމުން އެ މަގުތަކުން ގިނަ އަދަދެއްގެ ވެލި ބޮޑު މަގުގެ ތާރުގަނޑަށް ފުނިޖެހިފައިވެ އެވެ. އަނެއްކޮޅުން ވާރޭވެހި ފެންގަނޑު ހެދުމުގެ ސަބަބުން މަގުގެ ދެ ފަރާތުގެ ބޮޑު ބައެއް ވަނީ ޗަކަ ހެދިފަ އެވެ.

ހިތަދޫގެ މަގުތައް ކުރިން ބަލަހައްޓަމުން ގޮސްފައި ވަނީ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އޮންނަ ޕަބްލިކް ވޯކްސްއިންނެވެ. އޭގެ ފަހުން ސަދަން ޔުޓިލިޓީ ލިމިޓެޑް (އެސްޔޫއެލް) އިންނެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށްތަކުގެ މަގު ހަދައި ބަލަހައްޓަން ޖެހެނީ ކައުންސިލްތަކުންނެވެ. ނުވަތަ ކައުންސިލުން ހަވާލު ކުރާ ބަ އެވެ.
ކޮންމެއަކަސް ހިތަދޫގެ ބޮޑު މަގު ވެލިން ފުރިފައި އޮތް އިރު އެތަން ސާފު ކުރުމަށް ކަމާ ބެހޭ އެއްވެސް ފަރާތަކުން މަސައްކަތް ކުރާހެނެއް ހިއެއް ނުވެ އެވެ. އެހެންވެ މި މަގު ބޮޑަށް ސިފަވަނީ "ތާރު އަޅާފައި، ދެ ފަރާތަށް ވެލި ލާފައި" އޮންނަ މަގެއްގެ ގޮތުގަ އެވެ.

"މި މަގު މިހެން ވެލިން ފުރިފައި އޮންނަތާ ކިތަންމެ ދުވަހެެއްް. އެކަމަކު މިކަން ފެންނަ ބަޔަކު ނެތް. ކައުންސިލަރުން އެންމެ ގިނައިން ދުއްވަނީ މި މަގުން. އެ މީހުންނަށް ހަމަ ނުފެންނަނީ ބާވައޭ ހިތަށް އަރާ." ހިތަދޫ ބޮޑު މަގުގެ ފިހާރައަކަށް ގޮސް ހުރި މެދު އުމުރުގެ މީހަކު ބުންޏެވެ.

އާއްމުން ބުނާ ގޮތުން މަގު ސާފު ކުރަން ކައުންސިލުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

"އެ ބޭފުޅުން މިކަން ކުރަން އުޅެގެންތާ ވާނީ. މަގު ސާފު ކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ދީފައި ތިބޭ." އެ މީހާ ބުންޏެވެ.

އައްޑޫގެ މަގުތައް ގިނަ ފަހަރަށް ހެދިފައި ހުންނަނީ ކޮންމެވެސް ބަޔަކު ނިކުމެ ކައުންސިލް އިދާރާ ދޮށުގައި ތިބެ ކައުންސިލަރުންނަށް އެ ބޭފުޅުންގެ އަޑު އިއްވުމުންނެވެ. ބައެއް ފަހަރު ޓެކްސީ ޑްރައިވަރުން އަޑު އިއްވަން ގޮސްފައި އެބަ ހުއްޓެވެ.

ބޮޑު މަގުގެ ދެ ފަރާތުގައި ވެލި ޖަމާވެފައި އޮތުމުން މަގު ހެދުމުގެ ހަގީގީ ފައިދާއެއް ނުކުރެ އެވެ. ހިރަފުހުން ސަލާމަތް ވާނެ ކަމަށް ހީކުރި މީހުންނަށް ކުރެވުނީ ކުށްހީއެކެވެ.