ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ރަޖްނީ ކާންތުގެ އާ ފިލްމް "ކޮޗަދައްޔާން" އޭނާގެ އުފަން ދުވަސް ކަމަަށްވާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެކަން ފިލްމްގެ ކޯ ޕްރޮޑިއުސަރު ޑރ. މުރްލީ މަނޯހަރު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ ގިނަ އަދަދަަކަށް ސްޕެޝަލް އިފްކްޓްސް ވެސް ހިމެނޭ "ކޮޗަދައްޔާން" ރިލީޒް ކުރާނެ ތާރީހަކާ ދޭތެރޭ ވަރަަށް ބޮޑަށް ބޯ ގާނަމުން ދިޔަ ކަމަށެވެ.
އެގޮތުން އެެންމެ ފަހުން ރަޖްނީގެ އުފަން ދުވަސް ކަމަށްވާ ޑިސެމްބަރު 12 ގައި ރިލީޒް ކުރަން ނިންމީ ކަމަށް ޑރ. މުރްލީ ބުންޏެވެ. އެ ދުވަހަކީ ރަޖްނީގެ 63 ވަނަ އުފަން ދުވަހެވެ.
ބޮލީވުޑްގެ ޒުވާން ބަތަލާ ދީޕިކާ ޕަދްކޯން ބަތަލާއެއްގެ ރޯލް އަދާކޮށްފައިވާ "ކޮޗަދައްޔާން" ހިންދީ ބަހުންނާއި ތެލެގޫ، ތަމަޅަ އަދި ޖަޕަނީސްގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަހުން ޑަބްކޮށްގެން ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.
މިއީ ދީޕިކާގެ ކާމިޔާބް ފިލްމްތަކުގެ ލިސްޓަށް އަނެއްކާ ވެސް އިތުރުވެގެން ދާނެ ވަރުގަދަ ބޮޅެއް ކަމަށް ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ބުނަމުންނެވެ.
މި އަހަރުގެ މިހާތަަނަށް ރިލީޒްވި ދީޕިކާގެ ތިން ފިލްމް ކަމަށްވާ "ރޭސް 2"، "ޔެ ޖަވާނީ ހޭ ދީވާނީ" އަދި "ޗެންނައި އެކްސްޕްރެސް" ވަނީ "100 ކްރޯޑް ކުލަބް" އަށް ވަދެ ރެކޯޑްތަކެއް ހަދައިފަ އެވެ.
އަދި އޭނާ އާއި ރަންވީރު ސިންގް ލީޑް ރޯލް ކުޅެ، ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރާ "ރާމް ލީލާ" ވެސް ނޮވެމްބަރު މަހު ރިލީޒް ކުރާނެ އެވެ. އެހެންވެ މި އަހަރުވެގެން ގޮސްފައި ވަނީ ދީޕިކާގެ ތަރި މެދު އުޑުގައި ފިޔަ ޖަހަމުން އަންނަ އަހަރަކަށެވެ.
ރަޖްނީގެ އަންހެން ދަރިފުޅު ސައުންދަރިއާ ޑައިރެކްޓްކޮށްފައިވާ "ކޮޗަދައްޔާން" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން އެވެ.
ފިލްމްގެ މިއުޒިކް އަލްބަމް އޮކްޓޯބަރުގައި ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.
"ކޮޗަދައްޔާން" އަކީ 2010 ވަނަ އަހަރު ރަޖްނީ އާއި އައިޝްވާރިއާ ރާއީ ލީޑް ރޯލް ކުޅުނު "ރޮބޮޓް" އަށް ފަހު، ރަޖްނީގެ ފިލްމެއް ބެލުންތެރިންނާ ހަމައަަށް އަންނަ ފުރަތަމަ ފަހަރެވެ.