Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ހޮސްޕިޓަލަށް އަނަސް ގެނައިރު ވެސް ވަނީ މަރުވެފައި، ހަށިގަނޑުގައި 24 ޒަހަމެއް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގެ 24 ތަނެއް ޒަހަމް ވެފައިވާ ކަމަށް އަނަސް ބެލި ޑޮކްޓަރު މިއަދު ވިދާޅުވެއްޖެއެވެ.

ދުވަސްތަކަކަށްފަހު މިއަދު ވަނީ އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތެއް ބާއްވާފައެވެ. މިއަދު އޮތީ ސިއްރު ނޫން ހެކިވެރިންގެ ހެކި ބަސް ނެގުމެވެ. އެގޮތުން ހެކި ބަސް ދީފައިވަނީ އަނަސް ހޮސްޕިޓަލަށް ގެންގޮސް ބެއްލެވި އޭޑީކޭގެ އޮޕަރޭޝަން ޑޮކްޓަރ އިބްރާހިމް މުއުމިނެވެ.

އޭނާ ވިދާޅުވީ އަނަސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސް ބެލިއިރު، ދިރިހުރި އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ފުއްޕާމެއާ ދިމާލުން މެއަށް ދީފައި ހުރި ބޮޑު ޒަހަމެއް ހުރި ކަމަށާއި އޭގެ ސަބަބުން ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި ކަމަށާއި އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް ކަމަށާއި އަދިި އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ އޮކްސިޖަން ނުލިބުމުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި ހުރިހާ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ.