Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މާލޭގައި އުޅޭ ފަރާތްތަކަށް ގެސްޓްހައުސްތަކަށް ދެވޭނެ ގޮތް ހަދަން އެދިއްޖެ

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

މާލޭގައި އުޅޭ ފަރާތްތަކަށް ގެސްޓުހައުސްތަކަށް ދެވޭނެ ގޮތް ހަދައި ދިނުމަށް ޓޫރިޒަމް މިނިސްޓަރުގެ އަރިހުން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ޑީއާރްޕީ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގެސްޓުހައުސްތައް ހުޅުވިގެން ދިޔައިރު ރާއްޖެއިން ބޭރުގެ ޓޫރިސްޓުންނާއި އެއް ހަމައެއްގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ގެސްޓުހައުސްތަކަށް ގޮސް ޗުއްޓީ ހޭދަ ކުރެވޭނެ ދޮރު ހުޅުވައި ދިނުމަށް އެދި އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ޓޫރިޒަމް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން ނުވަ ރަށެއްގައި ހިންގާ 29 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

އެ ރަށްތަކަކީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ކ. މާފުށި އާއި ކ. ގުރައިދޫ އާއި އއ. މަތިވެރި އާއި އއ.އުކުޅަސް އާއި އއ. ތޮއްޑޫ އާއި ވ.ތިނަދޫގެ އިތުރުން ވ. ފުލިދޫއެވެ.

ލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައެވެ.