Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކުދި ވިޔަފާރިތަކަށް 300 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 300 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް 1،815 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ 3،745 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކަށްޓަކައި 609 ފަރާތެއްގެ އެޕްލިކޭޝަން ރިޖެކްޓު ކޮށްފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް އިން ބުނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިިވާ ކަމަށާއި ދަތުރުފަތުރުގެ ދާއިރާ އަށް 19.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަމިއްލަ މަސައްކަތްކުރާ 1،856 މީހަކު ވަނީ ލޯނު އެހީއަށް އެދުނުއިރު އޭގެ ތެރެއިން 621 ފަރާތަކަށް، 18.5 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފައެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށާއި ކޮންސްޓްރަކްޝަން ދާއިރާގެ 191 ވިޔަފާރިއަކަށް 54.6 މިލިއަން ރުފިޔާ އަދި މަސްވެރިކަމުގެ ދާއިރާގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 110 ވިޔަފާރިއަކަށް 18 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.