Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ އަލުން އޭސީސީއިން ދިރާސާ ކުރަނީ

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން އެކަން އިތުރަށް ދިރާސާ ކުރާނެކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން އެެކަށީގެންވާ ވަރަށް ހެކި ނެތްކަމަްށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އޭސީސީއަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެމައްސަލަ އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެކު ދިރާސާ ކުރުމަށް ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ތަހުގީގު ރިޕޯޓުގެ ހުރި ކަންކަން އިތުރަށް މޯލްޑިްވސް ޕޮލިސް ސާވިސް އާއި އެކު ދިރާސާ ކުރާނެ، ތަހްގީގު ނިންމައި، ދައުވާ ކުރުމަށް ފޮނުވީ ލިބިފައި ހުރި ހެކި ތަކާއި އެކު" އޮފިޝަލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލަ އާއި ގުޅިގެން ޕީޖީން ބުނީ މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކަށް ދައުވާ ނުކުރާނެ ކަަމަށާއި ތަފްސީލު މިއަދު މެންދުރު ބާއްވާ ނޫސް ކޮންފަރެންސެއްގައި ހާމަ ކުރާނެ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އޭސީސީން ނެރޭ ރިޕޯޓުތަކުގެ ސައްހަ ކަމާއި މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

ފަހަކަށް އައިސް އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ މަޖިލީހަށް ހާޒިރުވާން އޭސީސީއަށް އަންގާފައިވާ ދުވަހުގައި ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރި ތަހުގީގުގެ ފެންވަރު މިހާރު ފެންނަމުންދާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އެ ދުވަހު ހެނދުނު 11:00 އަށް މަޖިލީހަށް ހާޒިރުވުމަށް އޭސީސީއަށް އެންގުމުން، އައި މަގުމަތީގައި ޕީޖީއަށް މި މައްސަލަ ވައްޓާލާފައި އަންނަން ވެގެން ކުރި ތަހުގީގުގެ ފެންވަރު" އިންތި ވިދާޅުވިއެވެ.