ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބެއްލެވުމަށް ރާއްޖެ އަށް ޒިޔާރަތް ކުރެއްވި އދގެ ޑިޕާޓްމަންޓް އޮފް ފޮލިޓިކަލް އެފެއާޒްގެ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ރައީސާއި އދގެ ވަފުދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
މިބައްދަލު ކުރެއްވުމުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ، ވަރަށް ދެފުށް ފެންނަ އަމާން އޮމާން އިންތިޚާބެއްކަން އދގެ ވަފުދުގެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.
އަދި މި މަހުގެ 28 ވަނަ ދުވަހު އޮންނަ މި އިންތިޚާބުގެ ދެވަނަ ބުރަކީ ވެސް، ހަމަ މިފަދަ އަމާން އިންތިޚާބަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވަފުދުގެ ބޭފުޅުން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީ ވެސް އަމާން އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އދގެ ވަފުދަށް ރައީސް ދެއްވިއެވެ. އަދި އދ އިން ރާއްޖެ އަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، ކުރައްވާ އިތުބާރަށްޓަކައި ޝުކުރު އަދާ ކުރެއްވި އެވެ.