Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އަމީނުއަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރެވެން ނެތް: ހޫދު

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެެވަޑައިގެންފައިވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރެވޭނެ އުސޫލެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

"ދަ ޓައިމްސް އޮފް އައްޑޫ" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ މިނިސްޓަރަކު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރެވޭނެ އުސޫލެއް ކަނޑައެޅިފައި ނުވާކަމަށެވެ.

މިނިސްޓަރ އަމީން މަސައްކަތެއް ނުކުރައްްވައި ބަރާބަރަށް މުސާރަ ނަންގަވާތާ ދެ މަސް ދުވަސް ވެފައިވާ އިރު އެކަމާއި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މުސާރައިގެ ގޮތުގައި މަހަކު 66،000 އަށް ވުރެ ގިނަ ރުފިޔާ މިނިސްޓަރަކަށް ލިބިވަޑައިގަންނަވައެވެ.

ޖުމްހުރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރ ކަމަށް ވަޑައިގެންނެވި އަމީން މަގާމުން އިސްތިއުފާ ދެއްވުމަށް ޖުމްހުރީ ޕާޓީގެ ލީޑަރ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އެންގެވި ކަމަށްވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް އަމީން އިސްތިއުފާ ނުދެއްވިއެވެ.

ވެންޓިލޭޓަރ ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް އެންޓި ކަރަޕްޝަން ކަމިޝަނުން ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރެވެން ނެތްކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.