Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު

އޭސީސީ ގޯސްވީ 444 ރުފިޔާ ދައްކަން ނަޝީދަށް އެންގުމުން: ހައިލަމް

، ފޮޓޯ: އަވަސް

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގޯސްވީ އެ ކޮމިޝަނުން ބެލި މައްސަލައެއްގައި 444 ރުފިޔާ ރައީސް ނަޝީދު ދައްކަން ޖެހިފައި އޮތުމުން އެކަން އެމަނިކުފާނަށް އެންގުމުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް ރައީސް ނަޝީދަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އޭގެފަހުން ރައީސް ނަޝީދުގެ ގާތް ބޭފުޅެއް ކަމަށްވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދުގެ މައްސަލައެއް އޭސީސީ އިން ތަހުގީގު ކުރުމަށްފަހު އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް ޕީޖީ އަށް އޭސީސީ އިން ހުށަހެޅިއެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންގެ ފާޑު ކިޔުންތައް އޭސީސީ އަށް އަމާޒުވިއެވެ. އަދި އޭސީސީ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ކަމަށް ބުނަމުން ދިޔައެވެ.

މީގެއިތުރުން ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީ އިން ފަރުވާ ކުޑަކޮށް ތަހުގީގު ކޮށްފައިވާ ކަމަށް ބުނެ މިހާރު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް އޭސީސީގެ މެންބަރުން ވަކި ކުރަން ވަނީ ހުށަހަޅާފައެވެ. ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީ ގޯސްވެގެން އުޅެނީ މަޖިލީހުގެ ރައީސް ދައުލަތުގެ މާލިއްޔަތުން ބޭނުންކުރެއްވި 444 ރުފިޔާ ދެއްކުމަށް އެންގި ހިސާބުން ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވުމުން ޕާޓީގެ އިތުބާރު އޭސީސީގެ މައްޗަށް އެއްކޮށް ގެއްލިފައިވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

ހަސަންޓޭ ވިދާޅުވީ މެމްބަރުން ވަކިކުރަން ހުށަހެޅުވީ މިހާތަނަށް އެ މެމްބަރުން އެ ކޮމިޝަނަށް ހޮވުމަށްފަހު ވައްކަމާއި އަދި އެހެން އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު ވެސް އެ މައްސަލަތަަކަށް އެކަށީގެންވާ ހައްލެއް ލިބިފައި އަދި އެކަށީގެންވާ މަސައްކަތެއް އެކަމުގައި ކުރެވިފައި ނުވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އެމައްސަލައާ މެދު މަޝްވަރާ ކުރުމަށް މާދަމާގެ ކޮމިޓީގެ ބައްދަލުވުމަށް ތާވަލު ކުރައްވާނެ ކަމަށެވެ.