Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

އަމީނު ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ނުވި ނަމަވެސް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ސޮއި ހަމަ ކުރުމަށްފަހު އެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕް އަށް ނިސްބަތްވާ ތިން މެންބަރު ވަޑައިގެންނެވިއެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާންއެވެ.

އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެގި ވޯޓުން ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ.