Last Updated: May 7, 15:03
Tuesday, May 7, 2024
ޚަބަރު

ކުޅުދުއްފުއްޓަށް އެޗްއީއޯސީގެ ހާއްސަ ޓީމެއް ފޮނުވަނި

ކުޅުދުއްފުށި ސިޓީ އިން ކޮވިޑް19 ފެނުމާއި ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހާއްސަ ޓީމެއް އެކުލަވާލައި އެޓީމް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ނިންމެވުމެކެވެ. ރައީސްގެ އެ ނިންމެވުމާއި ގުޅިގެން މިވަގުތު އެޗްއީއޯސީގެ ބައްދަލުވުންތައް ޗެއާ ކުރައްވާ ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެކަމުގެ އަމަލީ މަސައްކަތްތައް ފައްޓަވާފައެވެ.

އެގޮތުން މިއަދު ވަނީ އެ ޓީމު އެކުލަވާލާ ބައްދަލުވުން ބާއްވާފައެވެ. މި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް ނާއިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން ކުޅުދުފުއްޓަކީ އުތުރުގެ އިގްތިސޯދުގެ މައި ހަބުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައިވަނީ މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

މިވަގުތު ކުޅުދުއްފުށި ސިޓީގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ހަތް ކޭސްއެއްވެއެވެ. އޭގެތެރޭގައި ހަތަރު ދިވެހިންނާއި ތިން ބިދޭސީން ހިމެނެއެވެ. މިހާތަނަށް ކުޅުދުއްފުށީ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 154 މީހުން ފާހަގަވެފައިވެއެވެ.