Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

ދަރިވަރުންގެ ކަންބޮޑުވުންތައް ހުށަހެޅިތާ ދެ ހަފްތާ، ދިނީ ބީރު ކަންފަތެއް!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް “އައްޑޫ ލައިވް” އިން މި މަހުގެ 10 ވަނަ ދުވަހު މީގެކުރިން އެނގިފައި ނުވާ ގިނަ މައުލޫމާތުުތައް ހިމެނޭ ރިޕޯޓެއް ޝާއިރު ކުރުމާއެކު އޭގައިވާ ކަންކަމަށް ހައްލު ހޯދައިދޭން މުއައްސަސާތަކުންނާއި، މިނިސްޓްރީތަކުން އަދި ސިޔާސީ ފަރާތްތައް ވެސް އަވަސް ވެގަތެވެ. ހީވީ ހަމަ ދެންމެ ދެންމެ އެ ހުރިހާ މައްސަލަތަކަކަށް ވެސް ހައްލު ހޯދައިދޭން އުޅޭ ކަހަލައެވެ.

އެގޮތުން އޭރު އެރި "ފޯރިއާއެކު" ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަކުން ވެސް ދިނެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ފްލައިން ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރިއެވެ. ސިވިލް އޭވިއޭޝަނުން ފްލައިން ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ އިސްވެރިންނާއި ވެސް ބައްދަލުކުރިއެވެ. އެ ބައްދަލުވުންތަކަށްފަހު ދަރިވަރުންނަށް ދިން ޔަގީންކަމަކީ ހުރިހާ ކަމެއް ވެސް މާގިނަ ދުވަހެއް ނުވެ ރަނގަޅު ވާނެ ކަމުގެ ޔަގީން ކަމެވެ.

އަނގަބަހުން ދިން އެ ޔަގީންކަމަށް ދެ ހަފްތާ ވެގެންދިޔައިރު ވެސް އެކަށީގެންވާ ހައްލެއް އައިސްފައިނުވުމުން އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ވަނީ ސިވިލް އޭވިއޭޝަނަށް މިދިޔަ ހަފްތާގައި އީމެއިލެއްގެ ޒަރިއްޔާ އިން ދަރިވަރުންގެ ކަންބޮޑުވުންތައް ދެވަނަ ފަހަރަށް ހިއްސާކޮށް ހައްލު ހޯދައިދޭން އެދިފައެވެ. އެ އީމެއިލަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައި ނުވާއިރު ސިވިލް އޭވިއޭޝަނާއި ފްލައިން ސްކޫލުން ނިންމި ނިންމުންތަކެއް އެކުލެވޭ ލިޔުމެއް "އައްޑޫ ލައިވް" އަށް ވަނީ ލިބިފައެވެ.

އެ ޑޮކިއުމެންޓުގައިވާ ގޮތުން ދަރިވަރުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރެއިން ހައްލެއް ހޯދައިދޭން ފްލައިން ސްކޫލުން އެއްބަސްވެފައިވަނީ އެއް އަތުން ގުނާލެވޭނެ ވަރުގެ އަދަދެއްގެ މައްސަލަތަކަށެވެ. ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވަގުތުތަކެއް ބޭނުންވި ނަމަވެސް އެއް ދުވަހުން ވެސް ރަނގަޅު ކުރެވިދާނެ ފަދަ ކުދިކުދި ކަންކަން ވެސް އަދި މިހާތަނަށް ރަނގަޅު ނުކުރެވި ގޮންޖެހުންތަކާ އެކު އަދިވެސް އުޅެންޖެހޭކަން ދަރިވަރުން އަންނަނީ ފާހަގަކުރަމުންނެވެ.

އެގޮތުން އަވަސްކަމާއެކު ހައްލެއް ގެންނަން ބޭނުންވާ ބައެއް ކަންކަން ދަރިވަރުންގެ އެބަ ހުއްޓެވެ. މި ކަންކަމަކީ ގިނަ ދުވަސްތަކެއް ނުނަގާ އަވަހަށް ހަމަޖެހޭނެ ކަންކަން ކަމަށް ދަރިވަރުން ބުނެއެވެ. އޭގެތެރެއިން ބައެއް ކަންކަން ތިރީގައި މިވަނީއެވެ:

ޗެކްރައިޑް އަޅާނެ ބޯޓެއް ނެތި، އިތުރު ފައިސާ ހޭދަކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި!

 

މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު ފްލައިން ސްކޫލްގައި ސީޕީއެލް ޗެކްރައިޑް އެޅުމަށް އޮތް ހަމައެކަނި ފްލައިޓް ( ސެސްނާ 172 އާރުޖީ ) ވަނީ ހަލާކުވެފައެވެ. އެއާއެކު ޗެކްރައިޑް އަޅަން ކިޔޫގައި ތިބި ހުރިހާ ދަރިވަރުންނަށް ވަނީ ހުއްޓުން އައިސްފައެވެ. އެއާއެކު ދެން ސްކޫލުން ދަރިވަރުންނަށް ބާރު އެޅީ ބޮޑު އަގު ދީފައި ޗެކްރައިޑް އެޅުމަށެވެ. ނަމަވެސް މިއީ ސްކޫލްގެ ފީ ސްޓްރަކްޗާގައި ހިމެނޭ ވާހަކައެއް ވެސް ނޫނެވެ.

“ސީޕީއެލް ޗެކްރައިޑް އަސްލު އަޅަން ޖެހެނީ ކޮމްޕްލެކްސް އެއާކްރާފްޓަކުން. އެއީ ގަޑިއަކަށް 300 ޑޮލަރު ހޭދަވާ ފްލައިޓެއް (ސެސްނާ 172 އާރްޖީ) އެކަމަކު އެ ފްލައިޓް ހަލާކުވެފައި އޮތުމުން ސްކޫލުން އޮޕްޝަނެއްގެ ގޮތުގައި މި ދެއްކީ މަލްޓި އިންޖީން އެއާކްރާފްޓެއް. އެއަށް ގަޑިއިރަކަށް ދައްކަން އެބަޖެހޭ 600 ޑޮލަރު” ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.

މަލްޓި އެއާކްރާފްޓްގައި ސީޕީއެލް ޗެކްރައިޑް އަޅާނަމަ 12 ނުވަތަ 15 ގަޑިއިރު (9000 ޑޮލަރު ހޭދަވޭ) ފުރިހަމަ ކުރަން ފްލައިން ސްކޫލުން ވަނީ އަންގާފައެވެ. ސެސްނާ 172 އާރްޖީގައި ޗެކްރައިޑް އެޅުމަށް ތައްޔާރުވަމުންދިޔަ ދަރިވަރުންތަކުގެ ތެރޭގައި 5000 ޑޮލަރާއި 4000 ޑޮލަރު ހަރަދުކޮށްފައި ތިބި ދަރިވަރުން ހިމެނޭއިރު، މަލްޓި އެއާކްރާފްޓުގައި ސީޕީއެލް ޗެކްރައިޑް އަޅާނަމަ އެ ދަރިވަރުން ވެސް އިތުރަށް 9000 ޑޮލަރު ދައްކަން ޖެހެއެވެ.

"ސެސްނާ 172 އާރްޖީ ވަނީ މިއަހަރުގެ ޖެނުއަރީގައި ވަނީ ވެއްޓި މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި. އަދި މަލްޓި އެއާކްރާފްޓް ވެސް އޮތީ ޖެނުއަރީން ފެށިގެން މެއިންޓެނެންސްގައި. އަގުބޮޑުކޮށް ފްލައި ކުރަން މަޖުބޫރު ވެފައިވާއިރު ވެސް ތިބެން މި ޖެހެނީ ކުރިއަށްދާނެ މަގެއް ނެތިފައި. މަލްޓި އެއާކްރާފްޓު އޮޕަރޭޓް ކުރާއިރު ވެސް އެ ފްލައިޓަކީ ދޭތެރެ ދޭތެރެއިން ހަލާކުވެފައި އޮންނަ އެއްޗެއް. އެހެންވުމުން ކިޔޫ ޖެހިފައި ތިބި 45 ދަރިވަރުން ޗެކްރައިޑް އަޅާނެ ގޮތެއް ނެތް" ދަރިވަރަކު ބުންޏެވެ.

މިކަމާ ގުޅިގެން އެގްޒާމްގެ މުއްދަތު ހަމަވާ ކުދިން ތިބިއިރު، ސިވިލް އޭވިއޭޝަނުގެ ގަވާއިދު ބުނާގޮތުންނަމަ ތިއަރީ އެގްޒާމް ނިމޭތާ 3 އަހަރު ތެރޭ ސީޕީއެލް ޗެކްރައިޑް އަޅަން ޖެހެއެވެ. އެހެން ނޫނީ އަލުން އަނެއްކާވެސް އިތުރަށް ފައިސާ ދައްކާފައި ޖެހެނީ އިމްތިހާނު އަލުން ހަދާށެވެ. އަލުން އިމްތިހާނު ހަދާނަމަ 33،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އިމްތިހާނު އަލުން ފުރިހަމަ ކުރަން އިތުރު 7 މަސް 8 މަސް ވަރު ހޭދަވާނެއެވެ.

“ސްކޫލް ބޮޑު އޮޅުވާލުމެއް މި އޮޅުވާލީ. އޮޅުމާލުމެކޭ މި ބުނަނީ ޗެކްރައިޑް އެންމެ ފުރަތަމަ އަޅަން އޮތް ފްލައިޓް ވެއްޓުމުން ސްކޫލުން އަހަރުމެންނަށް އެންގީ 600 ޑޮލަރުގެ ރޭޓުން ދެން އޮތް ފްލައިޓުގައި ޗެކްރައިޑް އަޅަން. ކޯސް ނިންމަން ބޭނުންވެފައި ތިބި ވަރުން އެކަމަށް ވެސް އެއްބަސްވީ. މިތަނުގައި މިހާރުވެސް އިމްތިހާން އަލުން ހަދަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ފަސް ވަރަކަށް ދަރިވަރުން އެބަތިބި. އެ ދަރިވަރުންނަށް އަނގަ ބަހުން ޔަގީންކަން ދީފައި އޮތީ ޗެކްރައިޑް އަޅައި ހުރިހާ ކަމެއް ނިންމައިދޭނެ ކަމަށް. އެކަމަކު އެ މުއްދަތަށް ނިމޭނެ ކަމުގެ ޔަގީންކަމެއް މިިހާރަކު ނެތް”

މިކަމުގައި ދަރިވަރުން ހަމައެކަނި ސްކޫލް ކުށްވެރިއެއް ނުކުރެއެވެ. އެގޮތުން މިފަދަ މައްސަލަތަކަށް ހަގީގީ ހައްލެއް ހޯދައިދެވެން އޮތީ ސިވިލް އޭވިއޭޝަނުންނެވެ. ދަރިވަރުން އެދުނީ ވެއްޓުނު ބޯޓުގެ ބަދަލުގައި ސެސްނާ 150 (ކުދި ބޯޓުތައް) ޗެކްރައިޑް އެޅޭނެ ލުއިތަކެއް ދިނުމަށެވެ. މީގެ އަހަރުތަކެއް ކުރިން ވެސް 172 ވެއްޓުމާ ގުޅިގެން 150 ގައި ޗެކްރައިޑް އަޅަން ލުއިތަކެއް ސިވިލް އޭވިއޭޝަނުން ވަނީ ދީފައެވެ.

“މީގެ އަހަރުތަކެއް ކުރިން ޗެކްރައިޑް އަޅަން ލުއިތަކެއް ދިންއިރު، މަލްޓި އެއާކްރާފްޓް އޮތީ ހަލާކުވެފައެއް ނޫން. އޭތި އޭރުވެސް ފްލައި ކުރޭ. މިހާރު މި ދެ ބޯޓު ހަލާކުވެފައި އޮތްއިރު ވެސް، ދަރިވަރުން ކޯސް ދިގުދެމިގެންދާއިރު އަދި ދަރިވަރުންގެ އެއްވެސް މައްސަލައެއް ނެތްއިރު، ދަރިވަރުން މި ހާލުގައި ޖެހޭއިރު ސިވިލް އޭވިއޭޝަނުން ލުއިތަކެއް ނުދޭންވީ ކީއްވެގެންކަމެއް ނޭނގޭ. ގަވާއިދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ އެހެން އެއާލައިންތަކަށް ސިވިލް އޭވިއޭޝަނުން ލުއިތައް ދޭ" ދަރިވަރަކު ބުންޏެވެ.

ހާމަކަން ބޮޑުކޮށް ޝެޑިއުލް ފެންނާނެ ގޮތް ހަދައިދިނުން

ހާމަކަން ބޮޑުކޮށް ޝެޑިއުލް ފެންނާނެ ގޮތް ހަދައިދޭން ދަރިވަރުން އެދޭ އެންމެ ބޮޑު އެއް ސަބަބަކީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރަން ހުޅުވިފައި އޮންނަ ދޮރު ބަންދުކުރުމަށެވެ. އަދި އެންމެންނަށް ވެސް އެއް ހަމަޔަކުން ކަންކަން ކޮށްދިނުމުގެ ބޭނުމުގައެވެ.

"މީގެކުރިން ހުރިހާ ދަރިވަރުންނަށް ވެސް މުޅި ދުވަހުގެ ޝެޑިއުލް ފެންނަން ހުރޭ. އެކަމަކު މިހާރު ހަމައެކަނި އެ ދަރިވަރަކަށް ފެންނަނީ އެ ދަރިވަރެއްގެ ޝެޑިއުލް. މިކަމުގެ ސަބަބުން ދެފުށް ފެންނަ ނިޒާމަކުން ކަަންކަން ކުރުމަށް ހުރަސް އެޅޭ. ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދޭން ވެސް ހުޅުވޭ ދޮރެއް އެއީ"

އެ ސްކޫލުގައި ދިވެހި ކުދިންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ވެސް ބޮޑެވެ. އެގޮތުން ބިދޭސީ ދަރިވަރެއް ނަމަ އެކުއްޖަކަށް ބަރާބަރަށް ފްލައިން އަދި އެހެނިހެން ކަންކަން ހަމަޖައްސާ ދިނުމާއި ކޯސް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާދޭ މައްސަލަ ފާހަގަކުރެވެއެވެ.

"ދިވެހި ކުދިން ޖެހެނީ އަބަދުވެސް ޕޭމެންޓް ދާއްކާފައި ވެސް ފްލައިންގ އަށް އެދި ކުދިން ޖެހެނީ ސަލާން ޖަަހަން ދުވަން"

"އައްޑޫ ލައިވް" އަށް ލިބިފައިވާ ޑޮކިއުމެންޓުގައި މިކަމާ ގުޅޭގޮތުން ސިވިލް އޭވިއޭޝަނުން ފްލައިން ސްކޫލާއި މަޝްވަރާކޮށްފައި ވެއެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ދަރިވަރުން އުއްމީދު ކުރެއެވެ.

އިތުރު އެގްޒެމިނަރެއްގެ ބޭނުން ފްލައިން ސްކޫލަށް ޖެހިފައި

ފްލައިން ސްކޫލްގެ ކޯހުގެ އެންމެ ފަހު ދެ މަރުހަލާއަކީ އައިއާރް އަދި ސީޕީއެލް ޗެކްރައިޑް ކަމަށްވާއިރު، ދަރިވަރުން ބުނާ ގޮތުންނަމަ މިވަގުތު އެ ސްކޫލްގައި އެ ދެ ޗެކްރައިޑް ފުރިހަމަކުރަން އެގްޒެމިނަރުންގެ ގޮތުގައި ތިބެނީ
އެންމެ ދެ މީހުންނެވެ.

“ބައެއް ފަހަރު ތިބެން އެބަޖެހޭ ދެ ތިން ހަފްތާއަށް މަޑުކޮށްލައިގެން ތިބެން އެގްޒެމިނަރެއް ނެތުމުން ޗެކްރައިޑް ނޭޅި. އެ ޑިލޭތައް ނާންނާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދިނުން އެދެން” ދަރިވަރަކު ބުންޏެވެ.

އެގޮތުން ސިވިލް އޭވިއޭޝަނަށް މިދިޔަ ހަފްތާގައި ދަރިވަރުން ފޮނުވި މެއިލްގައި ވަނީ އިތުރު އެގްޒެމިނަރެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. ނަމަވެސް "އައްޑޫ ލައިވް" އަށް ލިބިފައިވާ ޑޮކިއުމެންޓުގައި ވެސް އެކަމަށް ހައްލެއް ގެންނަން ފްލައިން ސްކޫލާއެކު ސިވިލް އޭވިއޭޝަނުން މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

މިހާތަނަށް ހައްލު ލިބެނީ އެންމެ ކަމަކަށް!

ސިވިލް އޭވިއޭޝަންގައި އެދުނު ކަންކަމުގެ ތެރެއިން މިހާތަނަށް ހައްލުވެފައިވަނީ ފްލައިން ސްކޫލްގައި އޮޕަރޭޝަަނަށް އައި ބަދަލެކެވެ. އެގޮތުން މީގެކުރިން އެތަނުގެ އޮޕަރޭޝަން ހިނގަމުން އައީ ތިން ދުވަހަށް ކަމަށްވީ ނަމަވެސް މިހާރު ވަނީ ފަސް ދުވަހަށް ބަދަލުކޮށްދީފައެވެ. ނަމަވެސް ރަސްމީކޮށް އެކަން ވެސް އަދި ދަރިވަރުންނަށް އަންގާފައެއް ނުވެއެވެ.

"އެ ބަދަލު ގެނައިތާ މިހާރު ހަފްތާއެއް ވެއްޖެ. އެކަމަކު އާންމު އުސޫލުން މިތަނުގައި ކަންކަން ހިނގާ ގޮތަށް މިކަން ވެސް ރަސްމީކޮށް އަންގާފައެއް ނުވޭ"

މިކަމަށް ހައްލެއް އައި ނަމަވެސް ދަރިވަރުން ކަންބޮޑުވާ އެއް ކަމަކީ، ފްލައިން ސްކޫލުން ނިންމާ އެއްވެސް ނިންމުމެއް ރަސްމީކޮށް މެއިލްގެ ޒަރިއްޔާ އިން ވެސް އަދި އެހެން ގޮތަކުން ވެސް ދަރިވަރުންނަށް އަންގަމުން ނުދާ ކަމެވެ.

ހައްލު ލިބުމުގައި ލަސްވަނީ ކީއްވެ؟ ދަރިވަރުންގެ ތުހުމަތު ސިވިލް އޭވިއޭޝަނަށް

ދަރިވަރުން ތުހުމަތުކުރާ ގޮތުގައި ފްލައިން ސްކޫލްގައި ހުރި މައްސަަލަތަކަށް ހައްލު ނުލިބި އޮތް އެންމެ ބޮޑު އެއް ސަބަބަކީ ސިވިލް އޭވިއޭޝަންގައި ތިބި ނުފޫޒު ގަދަ ބަޔަކު ފްލައިން ސްކޫލާއި ގުޅިފައިވުމެވެ. ކަންކަން ބޮއްސުންލައިގެން ގޮސް ދަރިވަރުން އަތުން އެތައް ހާސް ރުފިޔާއެއް ވެސް ހޭދަކުރަން ޖެހިފައިމިވަނީ ކަންކަން ބަލަންވާ ވަރަށް ސިވިލް އޭވިއޭޝަނަށް ނުބެލި އޮތުމުން ކަމަށް ދަރިވަރުން ބުނެއެވެ.

"ނުފޫޒުގައި ޖެހިގެން ކަންކަން ހައްލު ނުކުރުމުން ގާތްގަނޑަކަށް 150 ކުދިންގެ ހައްގު ގެއްލިގެން މިދަނީ. ކޮންމެ މީހަކަށް 40 ނުވަތަ 50 ހާސް ޑޮލަރު ހަރަދެއް ވެސް ނުކުރެވޭނެ. ގެޔާއި ހަރުމުދާ ވިއްކާލައިގެން އައިސް ތިބި މީހުން ވެސް އެބަތބި މި ތަނުގައި ކިޔަވަން"

ސިވިލް އޭވިއޭޝަނުގެ ހުއްދައިގެ ދަށުން ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަމުންގެންދާއިރު، އެތަނުގައި ކިޔާ ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރަން އޮތް ހަމައެކަނި ތަނަކީ ސިވިލް އޭވިއޭޝަނެވެ. ނަމަވެސް މިވީ އަހަރުތަކުގައި ޗެކް ރައިޑް އަޅަން އެންމެ ބޯޓެއް އޮތްކަން ސިވިލް އޭވިއޭޝަނަށް އެނގި ތިބެ އެކަން ހައްލުކުރަން ފިޔަވަޅެއް ނޭޅުމަކީ ބޮޑު އިހުމާލެކެވެ.

"އެއްވެސް ބަޔަކަށް އޮޅިފައެއް ނޯންނާނެ ފްލައިން ސްކޫލަށް ވާގިވެރިވަނީ ސިވިލް އޭވިއޭޝަނުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގައި ތިބި ނުފޫޒުގަދަ ބައެއް. މިކަން މިގޮތަށް ހިނގަމުން އަންނަތާ އެތައް އަހަރުތަކެއް ވެއްޖެ. ސުވާލަކީ އެމީހުންނަށް ހަމަ ނުވިސްނެނީތޯއޭ ހާލުގައި ޖެހިގެން މިދަނީ 150 އާއިލާކަން؟" ބެލެނިވެރިއަކު ބުންޏެވެ.

ފްލައިން ސްކޫލާއި ސިވިލް އޭވިއޭޝަންގެ ބައްދަލުވުމަކީ ސްޓަންޓެއް؟

މާޒީގައި ވެސް ދަރިވަރުންގެ ކަންބޮޑުވުންތައް ސިވިލް އޭވިއޭޝަނަށް ގެންދިޔުމުން، އެކަންކަން ހައްލުކުރާނެ ކަމުގެ ޔަގީންކަން އަބަދުވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް އަރުވައެވެ. ކޮންމެ ފަހަރަކު ވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމުގެ އުއްމީދުގައި ދަރިވަރުން ތިބި ނަމަވެސް، ހަގީގަތުގައި ދަރިވަރުންގެ ޝަކުވާތައް އެއް ކަންފަތުން އަޑުއަހާފައި އަނެއް ކަންފަތުން ބޭރުކޮށްލަނީއެވެ.

މިފަހަރު ވެސް ކަންކަން ހަމަ ވަމުންމިދަނީ ދާދި އެއްގޮތަކަށެވެ. ޝަކުވާތައް ލިބި ފިޔަވަޅު އަޅާނެ ކަމަށް ސިވިލް އޭވިއޭޝަނުން ބުނިތާ ވެސް މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހައްލެއް ނުލިބެއެވެ. ސުވާލަކީ މިއީ މި ކަންކަން އޮއްބާލަން ޖެއްސި ސްޓަންޓެއް ބާވައެވެ؟ މިކަމާ ގުޅޭގޮތުން ބެލެނިވެރިއެއް އިހުސާސްތައް ބަންޑުންކޮށްލީ މިގޮތަށެވެ.

"ކިތަންމެ ގިނަ މީޓިންގ އެއްވެސް ބޭއްވިދާނެ. ބޭނުންވަނީ އަވަސް ހައްލެއް. މި ދަރިވަރުންގެ އުމުރުން ގެއްލިގެން މިދަނީ އެތައް އަހަރެއް. މީގެ ސަބަބުން އެތައް އާއިލާއެއް މިދަނީ ބިކަވަމުން. ނަފްސާނީ ގޮތުން އަޅުގަނޑުމެންގެ ދަރިންނަށް އެތަކެއް އަސަރުތަކެއް މިވަނީ ކޮށްފައި" ބެލެނިވެރިއަކު ބުންޏެވެ.

މާޒީއާ ހިލާފަށް ދަރިވަރުންނާއި ބެލެނިވެރިން މިފަހަރު ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. މި ކަންކަމަށް ހައްލެއް ނުލިބިއްޖެނަމަ މުޒާހަރާ އަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ކުރަން ވެސް ތިބީ ތައްޔާރަށެވެ.

"މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަހަރުމެންގެ ހައްގު ހޯދަން ވަކާލާތު ކުރަން ވެސް މި ޖެހެނީ ހަމަ އަހަރުމެން. އަހަރުމެންނަށް ހީވަނީ ތަފާތު ގޮތަކަށް މަސައްކަތްކޮށްގެން ހެން މި ބޭނުންވާ ހައްގުތައް ދެން ލިބޭނީ. މިފަހަރު މިތިބީ ސްކޫލުން ފިޔަވަޅެއް އެޅިޔަސް، ކަންކަން ރަނގަޅުވަންދެން ދޫނުކުރާނެ އަޒުމެއްގައި." ދަރިވަރަކު އިހުސާސްތައް ހާމަކުރަމުން ބުންޏެވެ.