Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ރަޝްފޯޑުގެ ގޯލުން ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ޕީއެސްޖީގެ މައްޗަށް 2-1 އިން ކުރި ހޯދައިފިއެވެ.

ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމު ރޭ ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި މި މެޗުގެ 23 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި އެޓީމުގެ ކެޕްޓަންކަން ކުރި ބްރޫނޯ ފަނާންޑޭސް އެވެ.

ނަތީޖާ އެއްވަރުކޮށްލަން ޕީއެސްޖީ އަށް މި ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ޑިފެންސްލައިނާއި އެޓީމުގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ޔުނައިޓެޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޕީއެސްޖީން ކުރަމުންދިޔަ ޕްރެޝަރާއެކު މެޗުގެ 55 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލަކީ ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށްފަހު ޕީއެސްޖީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން އެޓޭކުތައް އުފައްދަމުންދިޔައިރު، ކައުންޓަ އެޓޭކުތަކުގައި ޔުނައިޓެޑަށް ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވެއެވެ. އެގޮތުން މި މެޗުން ޔުނައިޓެޑު މޮޅުވި ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑު އެވެ.

މިއީ އަމިއްލަ ދަނޑުގައި ކުޅެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗަކުން 2004 ވަނަ އަހަރަށްފަހު ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ގްރޫޕްގައި ރޭ ރެޑްބުލް ލީޕްޒިގުން ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްސެހީރްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާސެލޯނާ އިން ވަނީ 5-1 އިން ފެރެންކްވަރޯސްގެ މައްޗަށް ކުރި ހޯދާފައެވެ. ޗެލްސީ އާއި ސެވިއްޔާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޔުވެންޓަސް އިން ވަނީ 2-0 އިން ޑައިނަމޯ ކިއެވްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ލާޒިޔޯ އިން ވަނީ 3-1 އިން ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާފައެވެ.