Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތުގެ ބޮޑު ކޭސްތަކެއް ކޯޓަށް ފޮނުވަނީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ ބޮޑެތި ކޭސްތަކެއް ދައުވާ ކުރުމަށް ވަރަށް އަވަހަށް ކޯޓަށް ފޮނުވިގެން ދާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

މިއަދުގެ މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީ އަށް ވަނީ ރިޔާސީ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށްފައެވެ. މި މުއައްސަސާތައް ހާޒިރުކުރީ އެމްއެމްޕީއާރްސީ މައްސަލަ ލަސްވާތީއެވެ.

މިއަދުގެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކަށް ބަލާ ކަމަށްވާ ނަމަ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ އެ މައްސަލަ އަކީ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަކަށްވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އިތުރު ބޭފުޅުން މުއައްސަސާތަކުން ހަމަޖެއްސި، ތަހުގީގު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

"އެކަމަކު ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބުނު ފައިސާ ހަރު މުދަލަށް ބަދަލު ކޮށްފައި ހުރުމެވެ. އެގޮތުން ބައެއް މީހުން އެ ފައިސާ އިން ގޯތި ގަތުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.