Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރިޕޯޓުގައި ކުށެއް އޮއްވައި ސޮއިކުރުމުން ގެމަނަފުށި މެޖިސްޓްރޭޓަށް ފިޔަވަޅު އަޅައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ޖޭއެސްސީ

ޝަރީއަތް ނިމުނު ރިޕޯޓުގައި ކުށެއް އޮއްވައި އެ ރިޕޯޓުގައި ސޮއިކޮށްފައިވާތީ، ގއ. ގެނަމަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓަރު އިބްރާހީމް މުނީރަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ގެއެއްގެ މިލްކުވެރިކަން ސާބިތު ކުރުމަށް ގއ.ގެމެނަފުށީ މެޖިސްޓްރޭޓް ކޯޓުން ހިންގި ޝަރީއަތުގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގައި، ގއ.ގެމަނަފުށީ ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްތަކުގެ މިލްކުވެރި ފަރާތަކީ ގއ.ގެމަނަފުށީ ރުއްދޮށުގޭ އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ހުކުމާ ހަމައަށް ބަޔާންކޮށްފައި ވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަން ކަމަށްވީއިރު، އެއީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއް ކަމަށެވެ.

އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

އެހެންކަމުން ޖޭއެސްސީ އިން ވަނީ އޭނާއަށް ނަސޭހަތް ދިނުމަށްފަހު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައެވެ.