Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލަ: ކޮމެޓީގައި އޭސީސީއާ ޕީޖީގެ ބަހުސެއް!

ޕީޖީ ޝަމީމް އަދި އޭސީސީގެ ރައީސް ޝިއުނާ --

ކޮވިޑް19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީ އިން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގައި ހިޔާނާތާއި މަގާމުގެ ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި މި ދެ އިދާރާގެ އިސްވެރިންގެ މެދުގައި ހޫނު ބަހުސެއް ހިނގައިފިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ އަނބުރާލާފައެވެ.

އަމީންގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާ ޕީޖީ އޮފީސް ވަނީ ހާޒިރުކޮށްފައެވެ. މެންބަރުންގެ ސުވާލުތައް ބޮޑަށް އަމާޒު ހިފާފައި ހުރީ އޭސީސީ އިން ތަހުގީގުކުރި ވެންޓިލޭޓަރު މައްސަލައަށެވެ.

އެ މައްސަލަ އާއި ގުޅޭ ގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައްސަލަ އަކީ ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން އޭސީސީގެ އިންވެސްޓިގޭޓަރުން ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އަކީ އަވަސް އަރުވާލައިގެން ތަހުގީގު ކުރި މައްސަލައެއް ކަމަށް ދެކެވޭ ވާހަކަ އަށް ޝިއުނާ ވަނީ އެ މައްސަލަ އަކީ އަވަސް އަރުވާލައިގެން ތަހުގީގުކުރި މައްސަލަ އެއް ނޫން ކަމަށެވެ.

ޝިއުނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގައި އޭސީސީގެ ޓީމުން 1،600 ޑޮކިއުމެންޓާއި 500 އީމެއިލް ހޯދާފައިވާ ކަމަށެވެ. އަދި އެތައް ހެއްކެއް އެއްކުރެވުނުއިރު ކޯޓުގައި ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ ވަރުގެ ހެކި ނެތިގެން އެ މައްސަލަ އަނބުރާ ފޮނުވާލުމަކީ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"މިއަދު ވެސް އަޅުގަނޑުގެ ސްޓޭންޑަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެއޭ ދައުވާ އުފުލޭނެ ކަމަށް. އެކަމަކު ޕީޖީ އޮފީހުން ކުރާ މަސައްކަތާ އަޅުގަނޑުމެންގެ މަސައްކަތް ތަފާތު، ހިޔާލުތަފާތުވުން ހުރެދާނެ." ޝިއުނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީ އިން އަވަސް އަރުވާލައިގެން މައްސަލަ ނިންމި ކަމަށް ހުދު ޕީޖީ ޝަމީމް ވެސް ގަބޫލެއް ނުކުރައްވައެވެ. ވިދާޅުވީ މައްސަލަ އަނބުރާ ފޮނުވާލީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ.

ޑިއުޓީ ޕްރޮސިކިއުޝަން ނުނިންމައި މައްސަލަ ފޮނުވީ ކަމަށް ޕީޖީ ވިދާޅުވުމުން ޝިއުނާ ވިދާޅުވީ ޑިޔުޓީ ޕްރޮސެކިޔުޝަނަކީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ.