Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އިމްރާން ކުޅުއްވަނީ ސިޔާސީ ގޭމެއް: އިބްރާހިމްދީ

ދީނާއި ގައުމިއްޔަތުގެ ނަމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު އަބުދުﷲ ގެންދަވަނީ ސިޔާސީ ގޭމެއް ކުޅުއްވަމުން ކަމަށާއި އެކަމަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއްކަމަށް ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމުދީދީ (އިބްރާހިމްދީ) ވިދާޅުވެއްޖެ އެވެ.

އިބްރާހިމްދީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވީ ދީނާއި ގައުމިއްޔަތުގެ ނަމުގައި ޝެއިހް އިމްރާނު ކުޅުއްވަމުން އެގެންދަވަނީ ސިޔާސީ ގޭމެއްކަމަށާއި އެކަމަކީ ގައުމީ ސަލާމަތަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށެވެ.

"އަޅުގަނޑަކީ މުސްލިމެއް. މާތްﷲ ނޫން އެހެން އިލާހަކު ނުވޭ. މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަކީ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާ. އެކަމަކު ދީނާއި ގައުމިއްޔަތުގެ ނަމުގައި ޝެއިހް އިމްރާނު ކުޅުއްވަމުން އެގެންދަވަނީ ސިޔާސީ ގޭމެއް…..ގައުމީ ސަލާމަތަށް އޮތް ސީރިއަސް ނުރައްކަލެއް….ހޮނަރަބަލް ޔާމީނަށާއި ހޮނަރަބަލް ނަޝީދަށް ވޯޓު ދެއްވި ބޭފުޅުންގެ ހައްގުތައް ކޮބައިތޯ؟ އެ މީހުން (ވޯޓުލީ މީހުން) ފަހަރެއްގައި މަގު މައްޗަށް ނުނިކުމެދާނެ. އަޅުގަނޑުގެ ހަމައެކަނި އުންމީދަކީ ސަލާމަތީ ބާރުތަކުން މެޖޯރިޓީގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް. އެހެން ނޫން ނަމަ އެއީ ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަން ނަގާލަން ދެވޭ ފުރުސަތެއް،" އިބްރާހީމުދީދީ ވިދާޅުވެފައިވެ އެވެ.

ސަދަން އޭރިއާގެ ކޮމާންޑަރުކަން ވެސް ކުރެއްވި އިބްރާހިމްދީ ވަނީ އަދާލުތު ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކުން އިސްލާމް ދީނުގެ ނަމުގައި ދާހިލީ ހަނގުރާމައެއް ނުފެށުމަށް ގޮވާލައްވަ އެވެ. އަދި ސަލާމަތީ ބާރުތަކުން ވެސް މެޖޯރިޓީ އަށް އިހްތރާމް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.