Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ނަހަމަ ފައިދާވި ފަރާތްތައް ހާމަކުރާނަން: ނިޝާމާ

ބިޑު ކޮމިޓީގެ ޗެއާމާން ނިޝާމާ މުހައްމަދު - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް19 އާއި ގުޅިގެން ބަލިޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީ އިން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ނަހަމަ ފައިދާވި ފަރާތްތަކުގެ ނަންތައް ހާމަ ކުރައްވާނެ ކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބޮޑް ކޮޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ އެ ސިޓީގައި ނިޝާމާ ވިދާޅުވެފައި ވަނީ އޭނާ މަސައްކަތް ކޮށްފައި ވާނީ އެއްވެސް ހާލެއްގައި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ނިޔަތެއް ވެސް ނެތް ކަމަށް ނިޝާމާ ވިދާޅުވިއެވެ.

"ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ހަރަދު ކުރުމުގައި އެހެން ފަރާތްތަކަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގައި ކަންހިނގާފައިވާގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާކަމުގައި ދަންނަވަމެވެ." ސިޓީގައި ނިޝާމާ ވިދާޅުވެފައިވެއެވެ.

ނިޝާމާ މިފަދައިން ވިދާޅުވިއިރު އޭސީސީ އިން ވަނީ ނިޝާމާވެސް އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުވެސް ހިމެނިވަޑައިގަންނަވާހެން ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕީޖީ އަށް ފޮނުވަން މަސައްކަތް ކުރަމުންނެވެ މީގެކުރިން އެއް ފަހަރެއްގެ މަތިން އެ މައްސަލަ ޕީޖީ އަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އިން މައްސަލަ އަނބުރާ ފޮނުވާލީ އެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ނުވަތަ ކޯޓުގައި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ފެއްޓެވީ މަޖިލިސް ތެރެއިން އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށެވެ. 24 މެންބަރުންގެ ސޮއި ހަމަ ކުރުމަށްފަހު އެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެރޭގެ ދަންވަރުގެ ވަގުތެއްގައި އަމީނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.