Last Updated: January 15, 22:03
Friday, January 15, 2021
ޚަބަރު

ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަނީ

ނައިބު ފައިޞަލް ނަސީމް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ ކެންސަރު ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކެންސަރ ސޮސައިޓީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމުޢިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކެންސަރު ބައްޔާއި އަދި އެ ނޫން ވެސް އެ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފައެވެ. އަދި ފަރުވާހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ޙައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި، އެ ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

އަދި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޞިއްޙީ ދާއިރާގެ އިސްވެރިން ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ތަމްޞީލުކުރައްވާ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.