Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

ދަރިވަރުން ވަކިކުރީ އިންޒާރަކާ ނުލައި ނާއިންސާފުން!

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ހަތަރު ދަރިވަރަކު އިއްޔެ ވަކިކުރީ އިންޒާރަކާއި ވެސް ވަރަށް ނާއިންސާފުވެރި ގޮތަކަށް ކަމަށް އޭޝިއަން އެކެޑެމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންގެ ޔޫނިއަން އިން ބުނެފިއެވެ.

މި ހަތަރު ދަރިވަރުން ވަކިކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ދަރިވަރުންނަށް ސްކޫލްގެ ފަރާތުން ފޮނުވި މެއިލް އަކުންނެވެ. އެ ހަތަރު ދަރިވަރުން ވެސް ވަކިކުރީ އެއް ސަބަބުތަކެއްގައި ކަމަށްވާއިރު އޭގެތެރޭގައި ފަރުވާކުޑަވުމާއި، ގަބޫލުކުރެވޭ ވަރަށް އެ ދަރިވަރުންނަށް ކުރިއެރުން ނައުން ކަމަށް ބުނެފައިވެއެވެ. ވަކިކުރި ދަރިވަރުންނަކީ 2018 އަދި 2019 ގައި ސްކޫލަށް ވަތް ދަރިވަރުންނެވެ.

މިކަމާ ގުޅިގެން ސްކޫލްގެ ކަންކަން ރަނގަޅުކުރުމަށް އިސްނަގާފައިވާ އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އޭގެތެރޭގައި ސްކޫލުން ދަރިވަރުންގެ ފްލައިޓް ލޮގުގައި ހުންނަ ދަރިވަރުންގެ ޕްރޮގްރެސް (މިހާތަނަށް ފްލައި ކުރެވުނު ގަޑި) އޮޅުވާލުމާއި، އެ ދަރިވަރުން ސްކޫލުން ވަކިކުރަން ފޮނުވި މެއިލްގައި ބަޔާންކޮށްފައިވާ ކޯހުގެ ޕްރޮގްރެސް ދިމާނުވާ ކަމަށް އެ ޔޫނިއަން ބުނެއެވެ.

"ބައެއް ދަރިވަރުން ގްރައުންޑް ކްލާސް ނިންމުމަށްފަހު، އެގްޒާމް ވެސް ނިމުނުފަހުން ގްރައުންޑް ކްލާހުގައި ސިޓް ކުރި ކަމަށް ފްލައިޓް ލޮގުގައި އެބަހުރޭ. އެކަމަކު އެ ކްލާސްތަކުގައި ކިޔަވައިދީފައި ހުރި މީހާ އަކީ އެ ދަރިވަރުން އެގްޒާމް ވެސް ނިމުނު ފަހުން އައި މީހެއް. މިއީ އަސްލު ވަރަށް ސީރިއަސް ކަމެއް. މިގޮތަށް ފްލައިޓް ލޮގުގެ ޕްރޮގްރެސް ބަދަލުވާނަމަ ދަރިވަރުންނާ ދެކޮޅަށް މީތި ބޭނުން ކުރެވިދާނެ" ޔޫނިއަންގެ ދަރިވަރަކު "އައްޑޫ ލައިވް" އާ ވާހަކަދައްކަމުން ބުންޏެވެ.

އަދި ފްލައިން އަށް ޝެޑިއުލް ކުރުމަށްފަހު، ފްލައިން އަށް ނުދެވުނު ދުވަސްތައް ކަމަށް ބުނެ މެއިލްގައި ބަޔާންކޮށްފައިވާ އަދަދާއި ފްލައިޓް ލޮގުގައިވާ އަދަދު ވެސް ދިމާނުވާ ކަމަށް ޔޫނިއަން އިން ބުނެއެވެ. އަދި ފްލައިންގެ ޕްރޮގްރެސް ކަމަށް ދައްކާ އަދަދާއި ދަރިވަރުންނަށް ފޮނުވި މެއިލްގައިވާ އަދަދު ވެސް ދިމާނުވާ ކަމަށް އެ ޔޫނިއަން އިން ބުނެފައިވެއެވެ.

މީގެއިތުރުން އިއްޔެ ވަކިކުރި ހަތަރު ދަރިވަރުންނަށް ފޮނުވި މެއިލްގައި 24 މަހުން ކޯސް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެވްރެޖު ގޮތެއްގައި ކޯސް ނިމެނީ ތިން އަހަރާއި ހަތަރު އަހަރުކަން ޔޫނިއަން އިން ފާހަގަކުރެއެވެ. އަދި 24 މަހުން ކޯސް ނިންމަން ބުނެފައިވާއިރު ކޯހުގެ ތިއަރީ ކްލާސްތަކަށް އެކަނި ވެސް އެއް އަހަރު ހޭދަވާ ކަމަށާއި ގިނަ ކުދިންނަށް ފުރަތަމަ ފްލައިޓު (އިންޓްރޮޑަކްޝަން ފްލައިޓް) ލިބެނީ ވެސް ވަންނަ ދުވަހުން ފެށިގެން ފަހެއް ނުވަތަ ހަ މަހުން ކަމަށްވެސް ދަރިވަރުންގެ ޔޫނިއަނުން ހާމަކުރެއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެގްޒާމް ނިންމާފައި ވެސް އެބަތިބި 50 އަށް ވުރެ ގިނަ ދަރިވަރުން. އޭގެތެރެއިން ގިނަ ކުދިންނަކީ މިހާރުވެސް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ދަރިވަރުން. އެހެންވީމަ ކިހިނެތް 24 މަހުން ދަރިވަރަކަށް ކޯހެއް ނިންމޭނީ؟ އެގްޒާމް ފުރިހަމަކޮށް ފައިސާ ދައްކައި ހުރިހާ ކަމެއް ފުރިހަމަ ކުރާއިރު ވެސް ކޯސް ނުނިމެނީ ސްކޫލްގެ އިހުމާލުން"

ދަރިވަރުންގެ ޔޫނިއަނުން ފާހަގަކުރާ އަނެއް ކަންބޮޑުވުމަކީ ދަރިވަރުން ލައްވައި ނުރަނގަޅު ޕްރޮގްރެސް ރިޕޯޓެއްގައި ސޮއިކުރުވާ މައްސަލައެވެ.

"އޭގައި ބައެއް ކުދިންނަށް އެބަހުރޭ މޫސުމާއި ހެދި ފްލައި ނުކުރެވޭ ކަމަށް 200 ނުވަތަ 300 ދުވަސް ވެސް. އަދި ފްލައިން އަށް ހާޒިރުނުވާ ކަމަށް އެމީހުން ބޭނުންވާ އަދަދުތައް ވެސް ޖަހާ. ލީވްގެ ގޮތުގައި ވެސް އެމީހުން ބޭނުން އަދަދެއް ޖަހާފައި ހުރޭ. މިއީ ދަރިވަރުންނާ ދެކޮޅަށް ބޭނުން ކުރެވިދާނެ އެއްޗެއް" ދަރިވަރަކު ބުންޏެވެ.

އިއްޔެ ވަކިކުރި ދަރިވަރުން ސްކޫލުން ވަކިކޮށްފައިވަނީ އިންޒާރެއް ވެސް އަދި ކަންކަން ރަނގަޅު ކުރަން ވެސް އެ ދަރިވަރުންނަށް ފުރުސަތެއް ދިނުމަކާއި ނުލައި ކަމަށްވެސް ޔޫނިއަނުން ބުނެއެވެ. އެގޮތުން ދަރިވަރުންގެ ޔޫނިއަނުން ބުނާ ގޮތުން ސްކޫލުން ދަރިވަރުން ވަކިކުރުމުގައި އެއްވެސް އުސޫލެއް އެކުލަވާލާފައެއް ނުވެއެވެ.

"އެއްވެސް ކަމެއްގައި ހަމައެއް އުސޫލެއް ސްކޫލުގައި ނެތްއިރު، ދަރިވަރުން މިހާރު ވަކިކުރަމުންދަނީ ސީދާ މެނޭޖްމެންޓުން ވަކި ދަރިވަރުންނަށް ޓާގެޓްކޮށްގެން. ސްކޫލުން ދަރިވަރުން ވަކިކުރެވޭނީ ވަކި އުސޫލެއްގެ ދަށުން އެންމެންނަށް ވެސް ހަމަހަމަ ކުރެވޭ ގޮތެއްގެ މަތީން ކަމަށް ގަބޫލުކުރެވެނީ" ޔޫނިއަން އިން ބުންޏެވެ.

އޭއޭގެ ސްޓޫޑިއަންޓް ޔޫނިއަނުން މިކަން ސިފަކުރަނީ މީގެކުރިން ވެސް ސްކޫލުގައި ބިރު ދައްކާ އުސޫލުން މިއީ ސްކޫލުގެ ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަނުގައި ސޮއިކުރި ދަރިވަރުންނަށް ބިރު ދެއްކުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

އަދި މި ދަނޑިވަޅުގައި ސަރުކާރުގެ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ އިތުރު ދަރިވަރުންނަށް ވެސް މިފަދަ ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.