Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ބެމްފޯޑްގެ ހެޓްރިކުން ލީޑްސް ތިންވަނަ އަށް

ޕެޓްރިކް ބެމްފޯޑްގެ ހެޓްރިކާއެކު އެސްޓަންވިލާގެ މައްޗަށް 3-0 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ ތިންވަނަ އަށް ލީޑްސް ޔުނައިޓެޑް އަރައިފިއެވެ.

ލީގުގެ ތިންވަނައިގައި ލީޑްސް މިހާރު އޮތީ 10 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އެސްޓަންވިލާ އޮތްއިރު އެއްވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެވަޓަން އެވެ.

ރޭގެ މެޗާއި އެސްޓަންވިލާ އިން ކުރިމަތިލިއިރު ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އަދި މިއީ ދެ މެޗަށްފަހު ލީގުގައި ލީޑްސް އިން ހޯދި ފުރަތަމަ މޮޅެވެ.

އެސްޓަންވިލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ބެމްފޯޑް ވަނީ ލީޑްސް އަށް ލީޑު ނަގާދީފައެވެ. ލީޑްސްގެ ދެވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ބެމްފޯޑް ކާމިޔާބުކޮށްދިންއިރު މެޗުގެ 74 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ބެމްފޯޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ބެމްފޯޑްގެ މި ހެޓްރިކާއެކު އޭނާ މި ސީޒަނުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ.

ލީގުގައި ލީޑްސް އިން ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީ އާއެވެ. އެސްޓަންވިލާ ދެން ނިކުންނާނީ ސައުތްހެމްޓަންއާއެވެ.