Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ބޮޑު ހިޔާނާތާއި ގުޅިގެން ނިހާންއާ ސުވާލުކޮށްފި

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ސުވާލު ކޮށްފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ނިހާންއާ ސުވާލު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުވެއެވެ. ބައެއް މީޑިއާތަކުގައި އެ ކޮމިޝަނުން ކުރާ ތަހުގީގަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ވެސް ސުވާލު ކުރި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެވާހަކަ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ވަނީ ދޮގުކޮށްފައެވެ.

ބޮޑު ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ނިހާން އާއި ސުވާލު ކުރިއިރު ދާދިފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށެވެ.

އައްސަދު ވިދާޅުވީ އެ މައްސަލަ އަކީ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަކަށްވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އިތުރު ބޭފުޅުން މުއައްސަސާތަކުން ހަމަޖެއްސި، ތަހުގީގު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.