Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާ ދީފި

ސ. ހުޅުދޫ ޒުވާނަކަށް ފޭދޫން މިރޭ ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލުމަށް ފަހު ފައިސާތަކެއް ފޭރިގެން ފިލައިފި އެވެ.

މިރޭ 9:30 އެހާކަށްހާ އިރު ފޭދޫ ބޮޑު މަގުގައި ހުންނަ "ސީ މީ" ފިހާރައިގެ ގޯޅިގަނޑުގެ ތެރޭގައި ހިނގި މި ހާދިސާގައި ޒަހަމްކޮށްލާފައި ވަނީ ހުޅުދޫ އަންނާރުވިލާ ބަދުރުއްނަސީރު، 20، އަަށެވެ.

އޭނާ އަށް ފޭދޫ ސިއްހީ މަރުކަޒުން މިހާރު ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް އެތަން ހިންގެވުމާ ހަވާލުވެ ހުންނެވި އިހުތިޝާމް ނަޖީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދުރުގެ ގައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން ދޮޅު އިންޗި ޗަރުގެ ތަނެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ގައިގައި ވަރަށް ބޮޑަށް ތަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުރި ކަމަށް އިހުތިޝާމް ވިދާޅުވި އެވެ.

ބަދުރު ހިނގާފައި ދަނިކޮށް ހުދު ކުލައިގެ ސައިކަލެއްގައި ދިޔަ ބަޔަކު އޭނާ އަށް ހަމަލާ ދިނުމަށް ފަހު އޭނާގެ އަތުގައި އޮތް 9،000ރ. ވެސް ވަނީ ފޭރިގެންފައި ކަމަށް އެނގިފައިވެ އެވެ.