Last Updated: April 23, 18:00
Tuesday, April 23, 2024
ކުޅިވަރު

ސިޓީ އެއްވަރު، އަގުއެރޯ އަށް އަނެއްކާވެސް އަނިޔާވެއްޖެ

ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ. މިއީ 2014 ވަނަ އަހަރަށްފަހު ފަސް މެޗަށްފަހު ސިޓީ އަށް އެންމެ މަދު އަދަދަކަށް ޕޮއިންޓު ހޯދުނު ފަހަރެވެ. ވެސްޓްހަމް އޮތީ ހަ މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ވެސްޓްހަމް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ 18 ވަނަ މިނެޓްގައި މިކޭލް އެންޓޯނިއޯ ވަނީ ހިތްގައިމު ގޯލަކާއެކު ވެސްޓްހަމް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ކުޅެން އެރި ފިލް ފޮޑެން ވަނީ މެޗުގެ 51 ވަނަ މިނެޓްގައި ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފޮޑެން ދެވަނަ ހާފްގައި ކުޅެން އެރީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯގެ ބަދަލުގައި ކަމަށްވާއިރު، މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ވަނީ އަނިޔާވެފައިވަނީ އަގުއެރޯގެ ފައިގެ ފަލަމަސްގަނޑަށް ކަމަށް ބެލެވޭ ކަމަށެވެ. އަގުއެރޯ އަށް އަނެއްކާވެސް އަނިޔާވެފައި މިވަނީ ކުރިން ލިބުނު އަނިޔާ އިން ރަނގަޅުވެގެން އެނބުރި އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

ސިޓީން ނަތީޖާ އެއްވަރުކުރުމަށްފަހު ވެސް ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ޑެ ބްރައިނާ އާއި ރަހީމް ސްޓާލިން އަދި ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ވެސްޓްހަމްގެ ކީޕަރު ފަބިއާންސްކީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އަދި ވެސްޓްހަމް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.