Last Updated: April 20, 18:15
Saturday, April 20, 2024
ކުޅިވަރު

ބާސާ ބަލިކޮށް ރެއާލް އެއްވަނަ އަށް

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާގެ މައްޗަށް 3-1 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ރެއާލް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ބާސާ އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބާސާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން އަލްބާ ދިން ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ އަންސޫ ފާޓީ އެވެ.

މި ގޯލަށްފަހު ދެ ޓީމަށް ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެސީ ނުރައްކާތެރި ގޮތަކަށް ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު، ރެއާލްގެ ފޯވާޑް ބެންޒެމާ ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ނެޓޯ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފް ބާސާ އިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މި ހާފުގެ ކުރީކޮޅު ފާޓީ އާއި ކުޓީނިއޯ ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ދެ ހަމަލާ ވެސް ދިޔައީ ގޯލުގެ ކުޑަ ތަންކޮޅެއް ބޭރުންނެވެ.

ބާސާ އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ ބާސާގެ ޑިފެންޑަރު ލެންގްލޭ ރާމޯސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް ރެއާލް އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓްގައި ލޫކަ މޮޑްރިޗް ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު އެޓީމަށް ކަށަވަރުކޮށްދީފައެވެ.

މިއީ 2008 ވަނަ އަހަރަށްފަހު ބާސާގެ މައްޗަށް ރެއާލް އިން ޖެހިޖެހިގެން ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ލީގުގައި ބާސާ އިން ޖެހިޖެހިގެން ބަލިވި ދެވަނަ މެޗުވެސް މެއެވެ.